ކޮވިޑްގެ އާވެރިއަންޓް އޮމިކްރޯން ހޯދުމުން ލިބުނީ ތައުރީފުގެ ބަދަލުގައި އަދަބު ކަމަށް އެވޭރިއަންޓްގެ ކޭސްތައް ފުރަތަމަ ރިޕޯޓްކުރި ދެކުނު އެފްރިކާއިން ބުނެފިއެވެ.
ދެކުނު އެފްރިކާއިން މިހެން ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓް ފެތުރިދާނެތީ އެގައުމު ހިމެނޭ ގޮތަށް އެފްރިކާ ބައްރުގެ ދެކުނުގެ ސަރަހައްދުތަކުގެ ބައެއް ގައުމުތަކުން އަންނަ ދަތުރުވެރިންނަށް ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދެކުނު އެފްރިކާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އެގައުމުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކޮށް އަޅާފައިވާ ފިޔަވަޅުތައް ކުށްވެރިކޮށްފައެވެ.
އެގައުމުން ބުނީ އޮމިކްރޯން ވޭރިއަންޓް ފަދަ ވޭރިއެންޓެއް އެހާ އަވަހަށް ހޯދުމަކީ ސައިންސްގެ ރޮނގުން ލިބުނު ކާމިޔާބީއެއް ކަމަށާ މިކަމަށްޓަކައި ދެކުނު އެފްރިކާއަށް ހައްގުވާ ތައުރީފުގެ ބަދަލުގައި ލިބުނީ އަދަބު ކަމަށެވެ.
ދެކުނު އެފްރިކާއިން ވަނީ މީގެ ކުރިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓްތައް ދުނިޔޭގެ އެހެން ހިސާބުތަކަށް ފެނުމުން ގައުމުތަކުން އަމަލުކޮށްފައިވަނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.
އެފްރިކާ ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވީ، އެމިކްރޯން ފަދަ އާވޭރިއަންޓެއް އުފެދުނީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން އެގައުމުތަކުން ވަނީ ކޮވިޑާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިންގެ ޕްރޮގްރާމްތައް އެކަށީގެންވާ ހަލުވި ކަމާއެކު ފުޅާ ދާއިރާއެއްގައި ގެންގޮސްފައި ނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެއީި ދުނިޔޭގެ މުއްސަނދި ގައުމުތަކުން ވެކްސިން 'ބައްކޮށްގެން' އުޅުމުގެ ނަތީޖާ ކަމަށާ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެފްރިކާ ބައްރުގެ ގައުމުތަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފިޔަވަޅުތައް އަޅާފައިވާ އިރު ރާއްޖެއިން ވެސް އެފްރިކާގެ ބައެއް ގައުމުތަކުން ދަތުރުވެރިން އައުން މަނާކޮށްފައެވެ.