އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ހާރިޖީ ވަޒީރު، އަދި ސްޓޭޓް ކައުންސިލަރު ވާން ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުންވެސް ވަނީ މޫސުމީ ބަދަލުތަކާއި މަލްޓިލޭޓަރަލިޒަމާއި، އދގެ ހިންގުން ހަރުދަނާކުރުމާއި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތް ކަމަށެވެ.

މީގެ އިތުރުން، ޝާހިދުގެ މި ދަތުރުގައި ޗައިނާގައި ހުންނަ އދގެ އޮފީސްތަކުގެ ޓީމުތަކާ މިއަދު ބައްދަލުކުރައްވައި، އެގައުމުގެ ފޮރިން އެފެއާޒް ޔުނިވާސިޓީގެ ޒުވާން ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބައްދަލުކުރައްވާ ވަނީ ވާހަކަ ދައްކަވާފައެވެ.

އަދި އޯލް ޗައިނާ ވިމެން ފެޑެރޭޝަނާވެސް އިއްޔެގެ ވަގުތެއްގައި ޝާހިދު ބައްދަލުކުރައްވާފައި ވެއެވެ.

ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާއިން ބޭރު ގައުމުތަކުގެ އިސްބޭފުޅުންނަށް މަރުހަބާ ކިޔުން ހުއްޓާލި ފަހުން، އެގައުމުން އެންމެ ފުރަތަމަ މަރުހަބާކީ ބޭރު ގައުމެއްގެ އިސްބޭފުޅަކީ ޝާހިދުކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން ޝާހިދު ޗައިނާއަށް ވަޑައިގެންނެވީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ، އެ ދަތުރުގައި ޝާހިދު ވަނީ ވާން ޔީ އާއި އެގައުމުގެ ނައިބު ރައީސް ވާން ޗީޝާނާ ބައްދަލުކުރައްވާފައެވެ.