އަންނަ މަހުގެ މެދުތެރެއިން ފެށިގެން ސިންގަޕޫރަށް ކަރަންޓީނުނުވެ ދެވޭގޮތަށް، އެގައުމުގެ "ގްރީން ލިސްޓު" ގައި ރާއްޖެ ހިމަނައިފިއެވެ.

އެގޮތުން އަންނަ މަހުގެ 16 އިން ފެށިގެން ރާއްޖޭން ސިންގަޕޫރަށް ކަރަންޓީނުނުވެ ދެވޭއިރު، އަންނަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ޓްރެވަލް ފާހަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އިތުރުން، ދެން ސިންގަޕޫރުން އެ ލިސްޓަށް އިތުރުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ލަންކާ އާއި، ތައިލެންޑާއި، ތުރުކީ އާއި، ފިޖީގެ އިތުރުން ކެމްބޯޑިއާއެވެ. އެއާއެކު ސިންގަޕޫރަށް ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު ވަނީ 27 އަށް އިތުރުވެފައެވެ.

ނަމަވެސް، ކަރަންޓީނުވުމެއް ނެތި އެގައުމަށް ދަތުރުކުރެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ނަމައެވެ. ވެކްސިން ފުރިހަމަކުރި ނަމަވެސް، ނެގަޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. އެކަމަކު ވެކްސިން ފުރިހަމަކޮށް، ޕީސީއާރު ޓެސްޓް ނެގަޓިވްވި މީހުންނާ އެކު، ވެކްސިން ނުޖަހާ 12 އަހަރުންދަށުގެ ކުޑަކުދިންނަށް ކަރަންޓީނުނުވެ ސިންގަޕޫރަށް ދެވޭނެއެވެ.

ހަމަ އެއާއެކު، ކަރަންޓީނާ ނުލާ ސިންގަޕޫރަށް ދުވާލަކު އެތެރެވެވޭ މީހުންގެ އަދަދު ވަނީ ދިހަ ހާހުން 15،000 އަށް އިތުރުކޮށްފައެވެ.

ސިންގަޕޫރުން ރާއްޖެ ގްރީން ލިސްޓަށް އިތުރުކުރީ، ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށް ބަލައި، ހާލަތު ރަނގަޅުވެފައި ވުމުންނެވެ.

މިހާތަނަށް ރާއްޖޭން 395،470 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިއިރު، އޭގެ ތެރެއިން ވެކްސިން ފުރިހަމަކުރީ 362،742 މީހުންނެވެ. އަދި 7،947 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.