ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައި ވާތީ، ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާކުރި ކުޑަކުއްޖާ ގެއަށް ބަދަލުކުރަން ކުރި އަމުރު ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

އުދައްޔުގެ މަރުގެ މައްސަލައިގާ 4 މީހަކަށް ދައުވާކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނޭ 18 އަހަރު ނުވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 2 ވަނަ ދުވަހެވެ.

މިދިޔަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭ އުދައްޔުއަށް ހަމަލާދީ މަރައިލި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކުއްޖާއަށް ތުހުމަތުކުރެވޭ ކުށުގެ އަމަލަކީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް މާރާމާރީ ހިންގައި އެ ކަމުގެ ސަބަބުން މީހަކު މަރުވެގެން ކޮށްފައިވާ ދައުވާތަކެއް ކަމަށް ވާއިރު، އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިއަދު ބުނީ އެ ކުއްޖާއަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ތުހުމަތުވާ ކުއްޖެއް ކަމާމެދު ކުއްޖާގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ދެބަސް ނުވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ޒާތުގެ އަމަލުތަކެއްކަން ހައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ހައި ކޯޓުން ވަނީ ބުނެފައެވެ.

އުދައްޔުގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ އިތުރުން ދައުވާ ކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.