ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ މުއައްސަސާ އާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ މަސައްކަތްތައް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިއުމުގެ ގޮތުން، ހޯމް މިނިސްޓްރީން ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓު (އެސްޕީއާރު) އެއް ކަނޑައަޅައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ފުލުހުންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓެއް ކަނޑައަޅައި، އެކަން މިހާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގާފައި ވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މިފަދަ ރިކުއާމަންޓެއް ކަނޑައަޅާފައި ވަނީ، ފުލުހުންގެ ގާނޫނަށާއި، ފުލުހުންގެ މުއައްސަސާގެ ހާލަތަށާއި، ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރި ކަމަށް އަންނަ ދަތިތަކަށާއި، ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި، ފުލުހުންގެ ހުރިހާ ކަމެއް ތަރުތީބު ކޮށް އިންތިޒާމު ކުރުމާއި، ފުލުހުންގެ ކަންތައްތައް ރޭވުމުގައި، ގާނޫނުގައިވާ ގޮތުން ކޮމިޝަނަރު މަސައްކަތް ކުރައްވާނީ މި ރިކުއާމަންޓުގައި ވާ ކަންކަން ހާސިލު ކުރުމަށް ކަމަށާއި، އެ ރިކުއާމަންޓުގައި ބަޔާން ކުރާ ޓާގެޓަށް ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވުމުން ފުލުހުންގެ ހިދުމަތް ރަނގަޅުވެގެން ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، މި ރިކުއާމަންޓަށް އަމަލުކުރަން ފެށުމުގެ ސަބަބުން "ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ، މުޖުތަމައުގެ އަމާންކަމާއި، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދާނެ" ކަމަށްވެސް އެ މިިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ޒިންމާ މަތިކޮށްފައި ވާ ވަޒީރަކު އެސްޕީއާރު މުރަޖައާ ކުރައްވަންދެން، ނުވަތަ އާ އެސްޕީއާރެއް ކަނޑައަޅުއްވަންދެން، ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުންދޭ އަސާސީ އިރުޝާދުކަމުގައި މިއަދުން ފެށިގެން ބަލަންވާނީ އެސްޕީއާރުގައި ބަޔާންކުރާ ކަންތައްތަކަށް ކަމަށެވެ.