ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' މިއަހަރު ވެސް ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކު ކަމަށެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.