މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޮޑުކުރާ ބިއްލޫރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯއްދެވީ މީމު އަތޮޅު މުލި-ނާލާފުލި ކޯޒްވޭ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ބޮޑުކުރާ ބިއްލޫރި ގެންގުޅުއްވާ މަންޒަރު ފެނި ގިނަ ބަޔަކުގެ ސަމާލުކަން އެކަން އައިސްފައި ވާއިރު އެ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑީއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.

ގިނަ ބަޔަކު ކުރާ ސުވާލަކަށްވީ ރައީސް ނަޝީދު ބައްލަަވާނީ ކޮންއެއްޗެއްތޯއެވެ. އެހެން އަހާ ޓްވީޓެއް ކުރި މީހަކަށް ޖަވާބުދެއްވާ ޒިޔާއު ވަނީ އެކަން ސާފު ކޮށްދެއްވާފައެވެ.

"އެ ހޯއްދަވަނީ މުލި - ނާލާ ފުށި ކޯޒްވޭ"
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު

މުލި- ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ، މި ދެ ރަށް ގުޅާލަން އެއް މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެއެވެ. ކޯޒްވޭއަކުން ގުޅާލުމުގެ ޖުމްލަ 7 މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަންނަ އަަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ބަހުސްގައި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމަށް އޮޅިގެން މުލި ނާލާފުށީގެ ކޯޒްވޭގެ ވާހަކަ ކޮޅުފުއްޓާއި ނާލާފުޅީގެ ކޯޒްވޭގެ ގޮތުގައި ދެއްކެވިގެން އޭނާގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާ ކަމަށެވެ.

"ބަހުސްގައި އެއީ ނާލާ ފުށިން ކޮޅު ފުއްޓަށް އޮންނަންވީ ކޯޒްވޭއެއްގެ ގޮތުގައި [މެމްބަރަަށް] ވިދާޅުވެވުނީ. ހަގީގަތުގައި ވިދާޅުވާން ބޭނުންވެ ވަޑައިގަތީ މުއްޔާއި ނާލާ ފުއްޓާ ދޭތެރޭ. ކޮޅުފުއްޓާ ނާލާ ފުއްޓާ ވެސް އެއީ ފަންސާހަކަށް ކިލޯ މީޓަރު. މުއްޔާ ނާލާ ފުއްޓާ ދޭތެރޭގައި އެއީ އަތް ފޯރާވަރުގެ، ވާވަރުގެ މިންވަރުގެ ކަމެއް. އެހެންވީމާ އަޅުގަނޑަށް ހީވަނީ މެމްބަރު ބައެއް ރަށްރަށުގެ ނަން އެގޮތަށް އޮޅި ވަޑައިގަތް ނަމަވެސް މީގެ އަސްލަށް ބަލާއިރުގައި އެއީ ކުށެއްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ"
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެހެންކަމުން ރައީސް ނަޝީދު އެ ހޯއްދެވީ މުލި، ނާލާފުށި އަދި ކޮޅުފުށީގެ ޗާޓުން އެ ކޯސްވޭއެވެ.