މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން، ހިންގާ އޮންލައިން ކުލާސްތައް، 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ އިން ފެށިގެން ހުއްޓާލަން ނިންމާލާފައި ވާ ކަމަށް ބުނެ ކޯސްތަކުގެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އޮންލައިންކޮށް ހިލޭ ކޯސްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޯސްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ރައްޔިތުންނަށް އިންތިހާއަށް ފައިދާ ކުރާ ކޯސްތަކެއް ކަމަށް ކޯހުގައި ކިޔަވާ ބައެއް ދަރިވަރުން ވަނީ ބުނެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކޯހުގެ ބައިވެރިއަކު ބުނީ މި ކޯސްތަކުގައި ބަލިހާލަތުގެ ސަބަބުންނާއި މާލީ ހާލަތުގެ ގޮތުން ނުވަތަ ފުލްޓައިމް ކޮށް ކެމްޕަސް ނުވަތަ މަރުކަޒުތަކަށް ހާޒިރުވެވެން ނެތް ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ ކަމަށެވެ.
"ދަ ޕްރެސް" އާ ވާހަކަ ދެއްކި އިތުރު ދަރިވަރަކު ބުނީ ކޮވިޑުގެ ސަބަބުން ކުރިއަށް ގެންދިޔަ އޮންލައިން ކްލާސްތަކުގެ ސަބަބުން ވަރަށް ބައިވަރު ކުރިއެރުން ތަކެއް ކިޔެވުމުގެ ދާއިރާގައި ލިބިފައިވާ ކަމަށެވެ. އަދި އޮންލައިން ކްލާސްތައް ހުއްޓާލުމުން އިލްމު ހާސިލު ކުރުމުގެ ފުރުސަތުން ގިނަ ދަރިވަރުންތަކެއް މަހްރޫމް ވެގެން ދާނެ ކަމަށް އެ ދަރިވަރުން ބުނެއެވެ.
މީގެ އިތުރުން އޮންލައިން ކުލާސްތައް ގެންދާތީ، ކުޑަކުދިން ގޮވައިގެން މާލޭގައި އުޅޭ ބައެއް މީހުންނަށްވެސް ބޮޑު ފާސޭހައެއް ވެގެންދާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މިމަހުގެ ނިޔަލަށް އޮންލައިން ކޯސްތައް ހުއްޓާލަން ނިންމާފައި ވުމުން ކޯހުގެ ބައިވެރިން ވަނީ ގްރުއާނާ ބެހޭ މަރުކަޒަށް އަދި އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމާފައެވެ.
މި ޕެޓިޝަންގައި ކިޔަވާ ކުދިން ވަނީ އިލްމު ހާސިލުކުރުމަށް ގާނޫނުން ލިބިދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އޮންލައިން ކޮށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވެސް އޮންލައިންކޮށް ކިޔެވޭނެ ފުރުސަތު ދިނުމަށް ޕެޓިޝަންގައި ވަނީ އެދިފައެވެ.
"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޯސް ކޯޑިނޭޓަރު ފާތިމަތު މޫސާ މާހިރު ވިދާޅުވީ ގުރުއާނާ ބެހޭ މަރުޒަރުން ކުރިއަށް ގެންދާ ކޯސްތަކަކީ ފެށުނީންސުރެ ކުލާސްތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށާއި ކޯސްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ހޯދާފައި ވާނީ ވެސް ފޭސް ޓު ފޭސް ކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ނަމަވެސް އޮންލައިން ކޮށް ކްލާސްތައް ކުރިއަށް ގެންދިޔައީ އެމްކިއުއޭއިން ހުރިހާ މުއައްސަސާތަކަށް ދިން ހާއްސަ ހުއްދައިގެ ދަށުން ކަމަށެވެ.
ފާތިމަތު މޫސާ އިތުރަށް ވިދާޅުވީ ހުރިހާ ޕްރޮގުރާމް ތަކަކީ ވެސް ކުލާސްތަކަށް ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް ހުއްދަ ހޯދާފައި ހުރި ޕްރޮގުރާމްތައް ކަމުން އެ ޕްރޮގުރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދާނަމަ އެއީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގުރާމެއްގެ ގޮތުގައި ވަކިން ހުއްދަ ނަގަން ޖެހޭ ކަމަށެވެ. ނަމަވެސް އެހުއްދަ އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުން ފެށިގެން އަލަށް ފަށާ ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނީ ކުލާހަށް ހާޒިރުކޮށްގެން ކަމަށް ފާތިމަތު މޫސާ ވިދާޅުވިއެވެ.
ފާތިމަތު މޫސާ ވިދާޅުވީ އޮންލައިންކޮށް ފަށާފައިވާ ކޯސްތަކުގެ ތެރޭގައި ގިރާތު ސެޓްފިކެޓް ކޯސްތަކުގެ ލެވެލް 1، ލެވެލް 3، ގާރީ ކޯހުގެ އެޑްވާންސް ލެވެލް ހިމެނޭ ކަމަށެވެ.
ފެށިފައި ހުރި ޕްރޮގުރާމްތައް ނިންމަން ހުއްދަ އޮތް ކަން ފާހަގަކުރައްވާ ފާތިމަތު މޫސާ ވިދާޅުވީ އެ ޕްރޮގުރާމްތައް ނިންމާނީ އޮންލައިންކޮށް ކަމަށެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް ވިދާޅުވީ އޮންލައިން ކޮށް ކްލާސްތައް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ. އޭގެތެރޭގައި ދަރިވަރުންނާއި މުދައްރިއުން ރަނގަޅަށް މޮނިޓާ ނުކުރެވުމާއި ބައެއް ދަރިވަރުން ކްލާސްތަކުގައި ނިދުމާއި ޓީޗަރުންގެ ފަރާތުން ކުރިމަތިވާ ބައެއް މައްސަލަތައް ފާހަގަވެފައި ވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ބައެއް ދަރިވަރުން މަކަރު ހަދާކަމުގެ ޝަކުވާތައްވެސް ހުރި ކަން އިލްޔާސް ވަނީ ފާހަގަ ކުރައްވާފައެވެ.