ރާއްޖެއަށް ލިބިފައިވާ އެންމެ މުހިންމު އެއް ވަސީލަތަކީ ވަށައިގެންވާ ކަނޑު ކަމަށްވާތީ ކަނޑަށް ކުނި އަޅައި، ކަނޑު "ކުނި ގޮނޑަކަށް" ހަދައިގެން ނުވާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަދީފައިވާ އޮތް އޮތުން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބާތިލްކޮށް، "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" އަށް އިއްޔެ ގެނައި އިސްލާހާ ގުޅިގެންނެވެ.

އެގޮތުން އެ ގަވާއިދަށް ގެނައި އިސްލާހުގެ ސަބަބުން 2006 ގައި މޫދަށް ކުނި އުކޭ ގޮތަށް އޮތް އޮތުން ވަނީ އުވިގެން ގޮސްފައެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ކަނޑު ރީތިވުމުގެ ސަބަބުން ކަމަށާއި، ކަނޑުގެ ސަބަބުން ކާބޯތަކެތި ފަދަ އެތައް ނިއުމަތެއް ލިބިގެންދާ ކަމަށެވެ. އެހެންކަމުން ކަނޑު ކުނި ގޮނޑެއްގެ ގޮތުގައި ގެންގުޅެގެން ނުވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ގަވައިދަށް ގެނައި އިސްލާހުގައި ވާ ގޮތުން، ކައިރި ހިސާބެއްގައި ކުނި އުކާލުމަށް އުޒުރުވެރިވާނަމަ، ކަނޑަށް އުކާލެވޭނީ ކާބޯތަކެތިން ބާކީވާ ބަޔާއި ބައޯޑިގްރޭޑަބަލް ކުންޏެވެ. އޭގެ ތެރެއިން ބައޯޑިގްރޭޑަބަލް ކުނި އުކާލަން ޖެހޭނީ ރަށްރަށަށް ނުލައްގާ ގޮތަށް ބެލުމަށް ފަހުގައި ކަމަށްވެސް އެ ގަވާއިދުގައި ވެއެވެ.

އީޕީއޭ އިން "ދަ ޕްރެސް" އަށް ބުނީ، މި ގަވާއިދުގެ ސަބަބުން އެ އެޖެންސީއަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށާއި، މި ގަވާއިދާ ހިލާފުވާ ރިސޯޓުތަކަށް ފިޔަވަޅު އެޅުމަށް އިތުރު ލުއިތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ރިސޯޓުތަކުން މޫދަށް ކުނިއެޅުން މަނާކޮށްފައި ވަނީ އެމަރަލްޑް ރިސޯޓުން މިދިޔަ މަހު ޕްލާސްޓިކާއި އަމިއްލައަށް ފަނާނުވާ ޒާތުގެ ކުނި އަޅާފައިވާކަން އެ ރިސޯޓުގައި މަސައްކަތްކުރި މީހަކު ފަޅާއަރުވާލާފައި ވަނިކޮށެވެ.

އެމަރަލްޑް ރިސޯޓުން މޫދަށް ކުނި އެޅި މައްސަލައާ ގުޅޭގޮތުން، އީޕީއޭއިން ބުނީ، އެ ރިސޯޓުގެ ބަހެއް އަދި ނުލިބޭ ކަމަށާއި، ލިބުނުހާ އަވަހަށް އެ މައްސަލަ އިތުރަށް ބެލުމަށް ފަހު ރިސޯޓާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.