ފައިސާ ޗާޕު ކުރުމަށް ދީފައި އޮތް ހުއްދައިގެ މުއްދަތު އިތުރު ކުރަން ސަރުކާރުން އެދިފައިވާ މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓް އޮތީ އެމްއެމްއޭގެ މިނިވަން ކަމަށް ވަދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް މި ކަމުގައި އޮންނަ އިމަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ހިމެނޭ އޯވަޑްރޯގެ މާއްދާތައް އިސްތިސްނާ ކުރުމާއި ކުރެވޭ މުއްދަތު ކަނޑައެޅުން ކަމަށެވެ. އޭގެ ތަފްސީލްތައް ނިންމުމަކީ އެމްއެމްއޭގެ މެންޑޭޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި އެމްއެމްއޭގެ އެ މިނިވަން މަސްއޫލިއްޔަތު އަދާ ކުރަންވީ ގޮތުގެ ތަފްސީލުތައް ހިމެނިފައި ވާކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާ މަޝްވަރާ ކުރައްވައި އެ ކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.

ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން މަޖިލީހުން އޮތީ ފާސްކޮށްފައެވެ.