ބ. ދަރަވަންދޫގައި މީހަކަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ދަރަވަންދޫގައި ކުޑަކުއްޖަކު ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މައްސަލައެއް ރޭ ގާތްގަނޑަކަށް 9:36 ހާއިރު ހުށައަޅާފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފާ ކަމަށާއި އެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޭ އެ ރަށުގައި އަންހެން ކުއްޖަކހ ފޮރުވުމަށް ފަހު ތޫނު އެއްޗަކުން ބިރުދައްކާފައި ވަނީ އެ ކުއްޖާގެ ބައްޕައަށެވެ. އެކަމާ ގުޅިގެން ދަރަވަންދޫގައި ރޭ ވަނީ އިހުތިޖާޖެއްވެސް ކޮށްފައެވެ.

ދަރަވަންދޫ ކައުންސިލްގެ މެންބަރު ފަރަހާ އާދަމް "ދަ ޕްރެސް" އަށް ވިދާޅުވީ ކަން ހިނގައިގެން އުޅޭ ގޮތް މާބޮޑަށް ސާފު ނުވާ ކަމަށާއި އެކުއްޖާ ގެއްލިގެން އުޅޭ ވާހަކައާއި ރައްޔިތުންނަށް ގޮވައިލައިދޭން ކައުންސިލްގެ ރައީސްއަށް އެ ކުއްޖާގެ އާއިލާއިން ރޭ ގުޅި ކަމަށެވެ.