ބ. ޖުޑީޝަލް ދާއިރާއާ ހަވާލުވެ ހުންނެވި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށާއި، ނަމަވެސް އެ މައްސަލަ ގާނޫނާ ހިލާފަށް ބެއްލެވުމުން ސަސްޕެންޑު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ލަތީފުގެ މައްޗަށް ހުށަހެޅިފައި ވަނީ، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން، އެ މައްސަލައިން އޭނާ ތަނާޒުލު ވެފައިވާ މައްސަލައެކެވެ.

ލަތީފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވި ނަމަވެސް، ޖޭއެސްސީން ބުނީ، ހަމަ އެ ހަސްމާ ގުޅޭގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް އިސް މެޖިސްޓްރޭޓް ލަތީފް ވަނީ ބައްލަވާފައި ކަމަށާއި، ލަތީފު އެ މައްސަލަ ބައްލަވާފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި މިއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ބައްލަވައި، ގޮތެއް ނިންމަވާފައިވާ މައްސަލައެއް ކަމަށް ވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، އިސް މެޖިސްޓްރޭޓް ލަތީފު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް މަގާމުން ސަސްޕެންޑު ކޮށްފައި ވާ ކަމަށްވެސް، ޖޭއެސްސީން ބުދަ ދުވަހު ނިންމި ނިންމުމުގައި ވެއެވެ.

އެހެންކަމުން، ބ. ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީގޮތުން ބ. ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުޖާއުއާ ހާވާލުކުރެވިފައި ވާ ކަމަށް ޖޭއެސްސީން ބުންޏެވެ.