އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާގެ ދިފާއީ ވަކީލެއްގެ މަސްލަހަތު ފުށޫ އަރާކަމަށް ބުނެ، އެހެން ދުވަހަކަށް އޭނާގެ ޝަރީއަތް ތާވަލު ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އެދުނީ، ރިޒާގެ ވަކީލުކަން ކުރައްވާ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެވެސް ވަކީލު އަހުމަދު ޔާމީން ހުންނެވުމާ މެދު ޝަރީއަތުން ގޮތެއް ނިންމުމަށް އެދިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދެ ޝަރީއަތެއްގައި ދެ ގޮތަކަށް ޔާމީނު ވަކާލާތުކުރެއްވި ކަމަށް، ދައުލަތުގެ ވަކީލު އައިޝަތު ޝާމާ ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިންވެސް މި މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމެއްގައި ދައުލަތުން ވަނީ ދިފާއީ ވަކީލަކަށް ޔާމީން ހުންނަވަން އިއުތިރާޒު ކޮށްފައެވެ. އަންނަ އަޑުއެހުމެއްގައި އެ ކަމަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ، އެދުވަހުގެ އަޑުއެހުން ގާޒީ ވަނީ ނިންމަވާލައްވާފައެވެ.

ޒިޔަތާއެކު ދައުލަތުން އެއްބަސްވުމެއް އެކުލަވާލިއިރު އޭރު އޭނާގެ ވަކީލެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު، ރިޒާގެ ފަރާތުން ޔާމީން ހެކި ބަލައިނުގަންނަން އެދިފައިވާކަން ފާހަގަކޮށް، ދައުލަތުން ވަނީ މިއީ މަސްލަހަތު ފުށު އެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޔާމީން ޝަރީއަތުން އެއްފަރާތްވުމަށް އަންގާފައެވެ. އެހެންވެ، ޔާމީން ވަނީ ޝަރީއަތުގެ މަޖިލިސް ދޫކުރައްވައި ވަޑައިގެންފައެވެ.

އެއަށްފަހު ދިފާއީ ވަކީލުންނަށް ދެއްވި ފުރުސަތުގައި، ރިޒާގެ ވަކީލު އިސްމާއީލް ވަސީމް ވިދާޅުވީ ދިފާއީ ވަކީލުން އަޑުއެހުމަށް ތައްޔާރުވީ މައްސަލައިގެ މުހިންމު ބައިތައް ޔާމީން ފާހަގަކުރައްވާ ގޮތަށް ކަމަށާއި، ނަމަވެސް މިހާރު ދިފާއީ ވަކީލުން އަލުން ތައްޔާރުވާން ޖެހިފައިވާކަން ފާހަގަކުރައްވައި، އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކުރުމަށް އެދިވަޑައިގަތެވެ.

މިކަމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތުމުން، ގާޒީ ވަނީ އަންނަ ބުރާސްފަތި ދުވަހު އަޑުއެހުން ބާއްވާނެ ކަމަށް އިއުލާނު ކުރައްވައި، މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ.