ކޮވިޑް-19އަށް ޓެސްޓުކުރި ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ، ށ. ކޮމަންޑޫގައި ހުންނަ ށ.އަތޮޅު ތައުލީމީ މަރުކަޒު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެ ސްކޫލުން ބުނީ ކޮމަންޑޫ ސިއްހީ މަރުކަޒުން ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމާ ބެހޭފަރާތްތަކުން އަންގަވާފައި ވާތީ، މިއަދުން ފެށިގެން ސްކޫލުގެ ކިޔެވުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދަރިވަރުންނާއި މުވައްޒަފުން ވެސް ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށް އެސްކޫލުން ވަނީ ބުނެފައެވެ.

ކޮމަންޑޫ ކައުންސިލުން ވަނީ މިދަނޑިވަޅުގައި ރައްޔިތުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށާއި ހުރިހާ ވަގުތަކު ވެސް މާސްކް އެޅުމަށް އެދިފައެވެ.

އަދި އެންމެހާ ރައްޔިތުން އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތައް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރުމަށް ކޮމަންޑޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމަންޑޫގައި ރެންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވެފައި ވާއިރު މީގެ ކުރިން އެރަށުން ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ.