މާލޭގެ މަގުމަތީގައި ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ފިރިހެނަކު ރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ މައްސަލާގައި ރޭ 12 ޖަހަން ކައިރިވެފައި ވަނިކޮށް މާލޭން ހައްޔަރު ކުރީ 36 އަހަރުގެ ދިވެއްސެއް ކަމަށާއި، މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކުވެސް ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އޭނާ މިހާރު ދޫކޮށްލައިފިއެވެ. ހަމަ އެއާއެކު އެ ރޭ ދަންވަރު، މެދު އުތުރުގެ ރަށެއްގައި ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

އަދި މިދިޔަ މަހު ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނެއް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ އޭގެ ދުވަސްކޮޅެއް ފަހުން ދޫކޮށްލާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ފެންމަތިވެފައި ވާއިރު، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލާފައެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.