މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގއ. ދާންދޫ، މިސްކިތްމަގު، އިބްރާހިމް މުހައްމަދުގެ ސައިކަލާއި އޭނާގެ ގެ ބަލާ ފާސްކޮށް ނެގި ތަކެތީގެ ލިސްޓު ފުލުހުން، އޭނާއަށް ނުދިނުމުން ޑައިމޯފިން ޓްރެފިކިންގެ ދައުވާ އިން ސަލާމަތްވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްދު ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އިޖުރާއާތުގައި ހުންނަނީ ރަނގަޅު ކުރެވޭ ކަންކަމާއި، ރަނގަޅު ނުކުރެވޭ ކަންކަން ކަމަށެވެ. އަދި މުޅި މައްސަލައިގެ މައުޟޫއަށް އަސަރު ނުކުރާ (ޑްރަގް ފެނުނު ކަމާމެދު ސުވާލެއް ނެތްނަމަ) އެއީ ބަލައިގަނެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

ގއ. ދާންދޫ، މިސްކިތްމަގު، އިބްރާހިމް މުހައްމަދުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ޕީޖީ ޝަމީމް ވަނީ އަރަބި ހަރުބަހަކުން ރައްދު ދެއްވާފައެވެ.

"ސަބަބު އެނގުމުން ހައިރާންކަން ފިލައިދެއެވެ"
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

މަސްތުވާތަކެތީގެ އެ މައްސަލައިގާ ގާތްގަނޑަކަށް 135 ގްރާމުގެ މަސްތުވާތަކެތި ފެނުނު އިރު އޭނާގެ ގެއިން ވަނީ މަސްތުވާތަކެތި ޕެކްކުރަން ބޭނުން ކުރާ ރަބަރު ޕެކެޓުތަކާއި ކިރަން ބޭނުން ކުރާ ކައްޓާ ފަދަ ތަކެތި ފެނިފައެވެ.

އިބްރާހިމް މުހައްމަދުގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000 ރުފިޔާ އާއި 10،000،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާ ކުރާނެއެވެ.