އިނގިރޭސިވިލާތުން ޕެންޑަމިކަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް ދީފައި ނުވާކަމަށް އެގައުމުގެ ނޭޝަނަލް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއްގައި ކޮވިޑް-19 ޕެންޑަމިކަށް ދޭންޖެހޭ އެކަށީގެންވާ ސަމާލުކަން ދެވިފައިނުވާ ސަބަބެއް ކަމަށް ބުނެފައިވަނީ އެގައުމު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމާ އެކު ދިމާވި ކަންކަމާ ގުޅިގެން ކަމަށެވެ.

އެގޮތުން އީޔޫއިން ވަކިވުމުގައި އެގައުމުގެ ގިނަ ވަސީލަތްތައް ބޭނުން ކޮށްފައި ވާއިރު އޮޑިޓް އޮފީހުން ބުނެފައި ވަނީ އެދުވަސްވަރު އެގައުމުން ގިނަ ކަންތައްތަކެއް ކުރަން ޖެހުނު ކަމަށާ އީޔޫއިން ވަކިވުމާ ގުޅިގެން ދެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް އެކުލަވާލުމުގައި އެގައުމަށް ކުރިމަތިވެދާނެ ކަންކަމަށް ފުރިހަމައަށް ތައްޔާރު ވުމާއެކު ކޮންޓިންޖެންސީ ޕްލޭންތައް އެވަގުތު އެކުލަވާލުމުގައި ގިނަ ގޮންޖެހުންތަކަކާ އެގައުމަށް ކުރިމަތި ވެގެން ދިއަ ކަމަށެވެ.

އޮޑިޓް އޮފީހުން ބުނީ އެގައުމުން މިފަދަ ބަލިމަޑުކަމަކަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާ ކަމަށާ މީގެ ކުރިން އިމަޖެންސީ ހާލަތްތަކަށް ތައްޔަރު ވެފައިވާ މިންވަރު ބެލުމަށް ހިންގާފައިވާ ކަންކަމުން އެއްވެސް ކަމެއް ހާސިލުވެފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅާފައި ވަނީ އެއީ އާދައިގެ މޫސުމީ ރޯގާއެއްގެ ގޮތުގައި ބަލައިގެން ކަމަށްވެސް ދިރާސާ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ދިރާސާއާ ގުޅިގެން އޮޑިޓް އޮފީހުގެ ހެޑް ގެރެތް ޑޭވިސްގެ ވިދާޅުވެފައި ވަނީ ކޮވިޑާއެކު މި ޕެންޑަމިކާއެކު އެގައުމުގެ އިމަޖެންސީ ނިޒާމުގެ ބަލިކަށިކަން ހާމަވެގެން ހިނގައްޖެކަމަށެވެ. އެގޮތުން މި ނިޒާމު ހަރުދަނާ ކުރުމަށް އެގައުމުގެ ސަރުކާރާ އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާ ރިޕޯޓުު ހާމަކުރުމާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ކޮވިޑާ ގުޅިގެން އެގައުމުގައި މިހާތަނަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއްވެސް އަޅާފައިވަނީ ސައިންސްވެރިންނާއި ސިއްހީ މާހިރުން ދީފައިވާ އިރުޝާދުގެ މަތިންކަމަށެވެ.