ދަނޑުވެރިކަމަކީ ނަފާ ލިބޭނެ މަސައްކަތެއް ކަމުގައި އެންމެންވެސް ގަބޫލު ކުރެއެވެ. ބުރަ އަދި އެހާމެ ކެތްތެރިކަން އިސްކުރަން ޖެހޭ މި މަސައްކަތުގައި ދިވެހިން ނަފާ ހޯދި ދުވަސްތަކެއް ދިޔައެވެ. ޖަޒީރާ ރަށްތަކެއް ގޮތަށް އުފެދިފައިވާ މި ގައުމަށް ގުދުރަތީ ރީތި ކަމެއް ލިބިފައި އޮތް ނަމަވެސް މުރަކައިގެ މިޖަޒީރާ ފަސްގަނޑުގައި ގިނަ ބާވަތްތަކުގެ ގަސްތައް ނުހެއްދޭ ކަމީ ދަނޑުވެރިންނަށް ދިމާވި ބޮޑެތި ގޮންޖެހުންތަކެވެ.
ރާއްޖޭގައި ހެއްދޭ މަދު ބާވަތްތަކެއް ހުރި ނަމަވެސް އޭރު ދަނޑުވެރިން ފަހަތަކަށް ނުޖެހެއެވެ. ރަށުގައި އުފައްދާ އެކި ބާވަތްތަކުގެ އެއްޗެހި ރަށްރަށަށް ގެންގޮސް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔައެވެ. މުޅި ރާއްޖޭގެ އާބާދީ އެއްކޮށް ކަހަލަ ގޮތަކަށް އޭރު ކައިބޮއެ އުޅުނީ އަމިއްލަ އަށް ހައްދާ މޭވާ އާއި ތަރުކާރީންނެވެ. އޭރު ކުރަމުން އައި ދަނޑުވެރި ކަމަށް އެޅިގެން ދިޔަ ހިޔަންޏަކީ ތަރައްގީގެ އޮއެވަރުގައި ޖެހުނު ރާއްޖެއަށް ބޭރު ގައުމުތަކުގައި ހައްދާ އެކި ބާވަތްތަކުގެ ތާޒާ މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލި އެތެރެ ކުރަން ފެށުމެވެ. ހަމައެއާއެކު ދަނޑުވެރި ކަމަކީ މޫސުމީ ކަމެއް ކަމަށް ގަބޫލުކޮށް އެހެނިހެން ސިނާއަތްތަކަށް އިސްކަން ދޭން ފެށުމުގެ ސަބަބުން ދިވެހި އިގްތިސޯދުގައި ދަނޑުވެރިކަމަށް ދެމުން ދިޔަ އަހައްމިއްޔަތުކަން ކުޑަވަމުން ދިއުމަކީ ވެސް ދިމާވި ގޮންޖެހުމެކެވެ.
ދަނޑުވެރިކަމަށް ބަޔަކު ސަމާލުކަމެއް ނުދިން ނަމަވެސް ގަސް އިންދުމަށް ޝައުގުވެރިކަން ހުންނަ އެތައް ބަޔަކު އަމިއްލައަށް އިސްނަގައިގެން ދަނޑުތައް ހައްދާ ތަން ފެންނަލެއް މަދެއް ނޫނެވެ. ހާއްސަކޮށް ބިން ބޮޑެތި ރަށްރަށުގައި މިފަދަ ދިވެހިން ތިބި ކަމަކީ މަދުން ނަމަވެސް ދިވެހި މޭވާއާއި ތަރުކާރީ ބާޒާރުން ލިބެން ހުންނަ ކަމުގެ ހެއްކެކެވެ.
2000ގެ އަހަރުތައް ފެށިގެން އައި ފަހުން ދިވެހި ދަނޑުވެރި ކަމަށް ވެސް ވަނީ ތަރައްގީގެ ކުލަތައް ޖެހިފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކުރިން ދަނޑުވެރިކަން ކުރަމުން އައީ ބިމުގެ ފަސްގަނޑުގައި، ނަމަވެސް މިހާރު ފެނުގައި ގަސް އިންދައި، ގަހަށް ފެން ދިނުމަށް ވެސް ތަފާތު ގޮތްތައް ދަނީ ބޭނުން ކުރަމުންނެވެ. މިގޮތަށް ހައްދާ ތަކެތި ބާޒާރަށް ވިއްކަން ގެންނަ އިރު "އިމްޕޯޓް" ކޮށްގެން ގެންނަ އެ ބާވަތުގެ ތަކެތި ބާޒާރުގައި ކުރި ހޯދަނީ އަގު ވައްޓާލައިގެން ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މިހެން ވުމުގެ ސަބަބުން ދަނޑުވެރިން ބޮޑު ހޭދައެއް ކޮށްގެން ކުރާ މަސައްކަތުން ރަނގަޅު އާމްދަނިއެއް ހޯދޭ ގޮތް ނުވެ މާޔޫސް ކަންމަތީ އެނބުރި ދާން ޖެހޭ ފަހަރު އާދެއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ ވައުދުތަކެއް ވެފައެވެ. އަދި އެ ވައުދުތައް ފުއްދުމުގައި މި ސަރުކާރުން ވަނީ ކާމިޔާބީގެ އައްސޭރި ފަށުގައޭ ބުނެވިދާނެއެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، އިގްތިސޯދު ވެއްޓިގެން ދިޔަ ހިސާބުން ހެދުނު ގޯސްތައް ރަނގަޅު ކުރަން ޖެހިއްޖެ ކަމަށް ސަރުކާރުން ގަބޫލު ކުރަން މަޖުބޫރު ވިއެވެ.
އެހެންކަމުން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރު ކުރުމަކީ އިމްޕޯޓު މަދުކޮށް، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް ވެސް މުހިންމު ކަމެއް ކަމަށް ދެކި ބަދަލުތައް ގެންނަން ފެށިއެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ ސަރުކާރުން އެކުލަވާލި އެގްރޯ ނެޝަނަލް ކޯޕަރޭޝަން ކަމުގައި ނިންމިއެވެ.
މި ސަރުކާރުން ދަނޑުވެރިކަން ކުރިއެރުވުމަށް ވީ ވައުދުތައް:
- ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން
- ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުން
- ދަނޑުބިން ދޫކުރާނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ދަނޑުވެރިކަން (އެނިމަލް ފާމިން) ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑު ހައްދާނެ ބިން ދޫކުރަން ފެށުން. މިގޮތުން، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ދޫކުރާނެ އުސޫލުތަކާއި، އަދި މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައިވާ ފަޅުރަށް ރަށުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ފަޅުރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުން
- ދަޑުވެރި ކަމުން އުފައްދާ ތަކެއްޗަކީ ސިއްހަތައް ގެއްލުން ނުވާ (އިތުރު ޕެސްޓިސައިޑްސް ނުލާ) ތަކެތިކަން ކަށަވަރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސޭނެ
މި ސަރުކާރު ވެރިކަމަށް އައިސް މި ވީ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި ދަނޑުވެރިކަން ފުޅާކުރުމަށް، ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އެކުލަވާލައި، ވަނީ ގަވާއިދުތައް ތަންފީޒު ކޮށްފައެވެ. ދަނޑުވެރިން ހައްދާ ތަކެއްޗަށް މާކެޓް އުފައްދާ، އެ ތަކެއްޗަށް ހަމަ އަގު ހޯދައި ދީ، ދަނޑުވެރިކަމުން މަންފާ ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އުފެއްދިއެވެ.
ދަނޑުވެރިންކަން ކުރިއެރުވުމަށް ކޮށްދިން ކަންތައްތައް:
- ދަނޑުވެރިކަމަށް އިމްޕޯޓް ކުރާ ތަކެތިން ޑިއުޓީ ކަނޑާލުން
- އެގްރޯނެޓް ކޮންޓްރެކްޓިން ފާމިން މަޝްރޫއާއެކު 587 ދަނޑުވެރިންނަށް ފުރުސަތު ލިބުން
- އެސްޓީއޯ އެގްރިސެންޓަރު މަޝްރޫއާއެކު 300 ދަނޑުވެރިންނަށް ފުރުސަތު ލިބުން
- ދަނޑުން އުފައްދާ ތަކެތި ތާޒާ ކަމާއެކު ރައްކާ ކުރާ 9 ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކތް ކުރިއަށް ދަނީ
- އެސްޑީއެފްސީން ދަނޑުވެރިންނަށް ލޯންގެ ގޮތުގައި 16،273،876 ހަމަޖެއްސުން
ހަމައެއާއެކު ކޮންޓްރެކްޓް ފާމިން ފަށައި، 2020 އޮގަސްޓުން ފެށިގެން މިހާތަނަށް 29 ރަށަކުން 587 ދަނޑުވެރިންނާ އެކު ކޮންޓްރެކްޓް ފާމިން އެގްރީމެންޓް ވަނީ ހަދާފައެވެ. އޭގެތެރެއިން 176 ދަނޑުވެރިއަކު ދަނޑު ހެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކޮންޓްރެކްޓް ފާމިން މަޝްރޫގެ ދަށުން 115 ފަރާތަކަށް މަސައްކަތް ފެށުމަށް ބޭނުންވާ ސްޓާޓާ ޕެކް ވެސް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ކޮންޓްރެކް ފާމިން މަޝްރޫގެ ދަށުން ދަނޑުވެރިން ހައްދާ ބާވަތްތައް ތާޒާކަން މަތީ ރައްކާކުރުމަށް 9 ރަށެއްގައި އެގްރި ސެންޓަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެ ސެންޓަރުތައް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެހެންކަމުން ދިވެހި ދަނޑުވެރިންނަށް މިއީ ވަރަށް ވެސް އުފާވެރި ހަބަރެކެވެ. ވަޒީފާ ލިބުމުގެ ދަތިކަން އޮތް އިރު ރަށްރަށުގައި ދަނޑުވެރިކަމަށް ލޯބިކުރާ އެތައް ބަޔަކަށް އާމްދަނީ ހޯދުމަށް މިއީ ރަނުގެ ފުރުސަތެކެވެ.
މި ސަރުކާރުން ދަނޑުވެރިކަން ކުރިއެރުވުމަށް ކުރި ޕްލޭން ކާމިޔާބާ ހަމައަށް ވާސިލް ވުމުން އޭގެ ފޮނިކަމާއި މީރުކަން މި ގައުމުގެ އިގްތިސޯދަށް އަންނަ ބަދަލުތަކުން ފެންނާނެ ކަމަކީ ކަށަވަރު ކަމެކެވެ. އަދި މި ބަދަލާއެކު ދަނޑުވެރިންގެ އަގު ވަޒަން ކުރެވި އެ މީހުން ހައްދާ ތަކެތި މާކެޓްކޮށް ވިއްކުމަށް މި ސަރުކާރުން ފަހި ކޮށްދިން ފުރުސަތަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި ދަނޑުވެރިކަން ކުރާ އެތައް ބަޔަކު ދުށް ހުވަފެންތަކެއްގައި ކުލަ ޖެހުމެވެ.