އަރިއަތޮޅުގެ ރަށަކުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންގެ މެދު އުތުރު ސަރަހައްދުގެ ރަށަކުން ރޭ 12:50 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލާގައި މައްސަލައާ ގުޅުން ހުރި ރަށުގެ ކައުންސިލުގެ ބަހެއް ހޯދާލަން ގުޅުމުން ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ރަށް ހާމަ ނުކުރަނީ ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެތީއެވެ. އެހެން ކަމުން "ދަ ޕްރެސް" އިން ވެސް އެރަށުގެ މައުލޫމާތެއް ހާމައެއް ނުކުރަމެވެ.

މިދިޔަ މަހު ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ އަންހެނެއް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ވަނީ އޭގެ ދުވަސްކޮޅެއް ފަހުން ދޫކޮށްލާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ފެންމަތިވެފައި ވާއިރު، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލާފައެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.