މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލި ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، ހައްޔަރުކުރީ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށާއި، މި މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށް، މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުންޏެވެ.

މީސްމީޑިއާގައި އެ އަންހެން މީހާ ލިޔެފައިވާ ޕޯސްޓެއްގައި ބުނީ، އޭނާ ވަޒީފާއަށް ދިޔަ ވަގުތު އޭނާގެ ޖިންސީ ގުނަވަނުގައި ފިރިހެނަކު އަތްލާ ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.

އެކަމުގައި ބައެއް އާންމުންނާއި އެ ސަރަހައްދުގައި އޭރު ހަރަކާތްތެރި ވަމުން ދިޔަ ފުލުހުންގެ އެހީތެރިކަން ލިބުނުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އޭނާ ވަނީ އެދިފައެވެ.

މާލޭގައި މީގެ ކުރިންވެސް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ހައްލުކުރުމަށް އެދެވޭ ފިޔަވަޅުތައް އަޅާފައި ނުވާތީ، އާންމުންގެ ފާޑުކިއުންތައް ވަނީ ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.