ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އަވަހަށް ނިންމުމަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް ބުނެފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރުކޮށްދީފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އޭސީސީއަށް 3.9 މިލިއަން ރުފިޔާ އިތުރުކުރުމަށް ބަޖެޓު ކޮމިޓީން ނިންމީ އޭސީސީ މުވައްޒަފުންގެ ދަތިކަމާ ހެދި، އެމްއެމްޕީއާރުސީގެ މައްސަލަ ނިންމުމަށް އެވަރެޖްކޮށް އަށް މަސް ހޭދަވާ ކަމަށާއި އެ ކަންކަމަށް ބަޖެޓުގައި ރިއާޔަތްނުކުރާ ކަމަށް، އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ކޮމިޓީގައި ވިދާޅުވުމާ ގުޅިގެންނެވެ.

މިހެން އޭސީސީން ކޮމިޓީގައި ބުނުމުން، އެ ކޮމިޓީގައި ހިމެނޭ މެންބަރަކު ވަނީ އެ އަދަދަށް ފައިސާ ބަޖެޓުކޮށްފި ނަމަ، އަންނަ އަހަރު އެމްއެމްޕީއާރުސީގެ މައްސަލަ ނިމޭނެތޯ ސުވާލު އުފައްދަވާފައެވެ. ނަމަވެސް އޭސީސީން ބުނީ އެ މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން ކުރަމުންގެންދާ މަސައްކަތަކަށް ވާތީ ނިމޭނެ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ.

އޭސީސީގެ އިތުރުން، ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށް، 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ވަނީ ރޭ ފާސްކޮށްފައެވެ.