މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މަދަހަ ކިޔުންތެރިޔާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ނިޔާ ވެއްޖެއެވެ.

ހޮޅުދޫ އަބްދުﷲ ނިޔާވެފައި ވަނީ ވަރަށް ގިނަ ދުވަހު ބަލި އެނދުގައި އޮންނެވުމަށް ފަހު އައިޖީއެމްއެޗުގައި މިއަދު ކަމަށް މައުލޫމާތު ލިބެއެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލް ކުރައްވާފައެވެ.

ގައުމީ ލަވަތައް ވިދާޅުވުމަށް މަޝްހޫރު ހޮޅުދޫ އަބްދުﷲ ވަނީ "އޯ ވަޒަން" އާއި "ގަސް ރުކުން މަލަ ފެވޭ" އަދި "ގައުމަށް އައި މިނިވަން ނޫރާނީ" ފަދަ ލަވަތައް ވިިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް މައުމޫން އަބްދުﷲ ގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ ޕްރޮގްރާމަށް މީހުން ހޭލުންތެރިކުރަން ވިދާޅުވި ލަވަތަކުގެ ތެރޭގައި "ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ" އާއި "ދޮންބޭ ތެދުވޭ" އަދި "ކިހާ އުފާ ލިބޭކަމެއްތޯ ކިޔަން ދަސްވުމަކީ" ފަދަ ލަވަތައް ހިމެނެއެވެ.

ހޮޅުދޫ އަބްދުﷲ ވަނީ “ނެތުމުގެ ތެރެއިން މި އާލަމް” ފަދަ މަދަހަތައް ވެސް ވިދާޅުވެފައެވެ.