ވަކި ދާއިރާއަކުން ކުރިއަށް ދިއުމަށް ކުދިންނަށް މަޖުބޫރު ނުކުރުމަށާއި، ކުރިއަރައި ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު ކުދިންނަށް ތަނަވަސްކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

2019 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުތަކުން މަތީ ވަނަ ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކުރިމަގާ މެދު ވިސްނުންތަކެއް ގެންގުޅޭނެ ކަމަށެވެ. އަދި ބެލެނިވެރިން އެކުދިންނަށް ރަނގަޅު މަގަށް މަގު ދައްކައިދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެ. އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް. މި މަރުހަލާއަށް ކުދިން ދާއިރުވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން."

ވަކި ދާއިރާކުން ކުރިއަށް ދިއުމަށް ކުދިންނަށް މަޖުބޫރު ކުރުމަކީ އެކަމުގެ ސަބަބުން ހިތި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށާއި، "އެކުއްޖަކު ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުން، ހާސިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ" ކަމަށާއި، އޭރުން އެ ކުއްޖާއަށްވެސް އަދި އާއިލާއަށް ލިބޭ އުފާވެރިކަން ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތަކީ މުސްތަގުބަލުގައި ގައުމަށް ބޭނުންވާނެ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށްވާއިރު، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނެވިފައިވާ ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

"ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުސަތުގައި، ހީނުކުރާހާ ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން. ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.