އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއިން ގުޅިގެން "ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.

މިފޮތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާހްކުރި މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މައުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެއް ކަމަށެވެ.

މި ފޮތް އިފްތިތާހް ކޮށްދެއްވުމަށްފަހު ފަޒްނާ ވަނީ މި ހަފްލާގައި ބައިވެރިވި ކުދިންނަށް މި ފޮތް ވިދާޅުވެ ދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މަގްސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެ ދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ފޮތުގައި އެ މައުލޫއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެ ކަމަށެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާއީ އަދި އާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.