ކޮވިޑް-19އާ ގުޅިގެން 20 މަސް ދުވަހަށް ފިލިޕީންސްގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ސްކޫލްތައް ހުޅުވާލައިފިއެވެ.

ސްކޫލްތައް ހުޅުވާލުމާއެކު އެތައް ހާސް ދަރިވަރުންނެއް ސްކޫލަށް އަލުން ދާންފަށާފައި ވާއިރު ކޮވިޑާ ގުޅިގެން އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ދަތިތަކަކާ ވަނީ ކުރިމަތި ވެފައެވެ. އެގޮތުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތައުލީމީ ދާއިރާއަށެވެ. މި ބަލިމަޑުކަމުގެ ސަބަބުން 27 މިލިއަން ދަރިވަރުންގެ ތައުލީމަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވެއެވެ.

ދުވަސްތަކަކަށް ފަހު ކިޔެވުން އަލުން ފެށުނުއިރު ތައުލީމީ ދާއިރާއަށް ހިދުމަތް ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ސްކޫލުތައް ހުޅުވިގެން ދާއިރު ދިމާވެގެންދާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނީ ފިލާވަޅުތައް އިއާދަކުރުމެވެ.

ސްކޫލްތައް ހުޅުވާލި ނަމަވެސް އެގައުމުން ބުނެފައިވަނީ ދަށް ގްރޭޑްތަކަށް ސްކޫލް އޮންނާނީ އަޖުމަބެލުމަށް ހިންގާ ކްލާސްތަކެއްގައި ގޮތުގައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެއްފަހަރާ ސްކޫލްތައް ހުޅުވާލުމާއެކު އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ބަލި ފެތުރިގެން ހިނގައިދިއުމެވެ.

އެގައުމުން ބުނީ އެހެން ވެއްޖެނަމަ އަލުން ސްކޫލްތައް ބަންދުކުރަން މަޖުބޫރު ވެގެން ދާނެ ކަމަށެވެ. ދުނިޔޭގައި އެންމެ ގިނަ ދުވަހަށް ސްކޫލްތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނޭއިރު މިކަމާ ގުޅިގެން އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެފައި ވަނީ އެހެން ހުރިހާ ކަމަކާ އެއްޗަކަށް ވުރެ ވެސް ކިޔަވާ ކުދިންނަކީ އެގައުމަށް މުހިއްމު ބައެއް ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ ހާލަތަށް ނުރައްކަލެއް އޮތް އެއްވެސް ކަމެއް ސަރުކާރުން ގަސްތުގައި ނުކުރާނެ ކަމަށެވެ. އަދި އަބަދުވެސް ސިއްހީ މާހިރުން ދެއްވާ ނަސޭހަތާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.