ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޯޕީޑީ އިމާރާތެއް ހެދުމަށް ހެލްތު މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

ހަ މަސްދުވަހުގެ ތެރޭ މި މަޝްރޫއު ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން 21 ކޮންސަލްޓެންސީ ރޫމާއި، ފަރުވާދޭ ކޮޓަރިއަކާއި، ޕްރޮސީޖާ ރޫމަކާއި، އިކޯ ރޫމެއްގެ އިތުރުން އީސީޖީ ރޫމެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހެލްތު މިނިސްޓްރީން ހަވާލުކުރީ 20.22 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ބަލިމީހުން ބެލުމަށާއި މިހާރު ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެ، އާންމުންނަށް ފަސޭހަވެގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.