ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުުފުލައި ކްރިމިނަލް ކޯޓުން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އަސްލު ގުޅިފައި އޮތް ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ސުވާލު ކޮށްފިއެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12 ގައެވެ. ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލީ މިދިޔަ މަހުގެ 5 ގައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ ޔާމީންގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުމަކާ ގުޅިގެން ބައެއް ކަންކަން ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ބޭނުން ވާތީއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅި ލިޔުމުގައި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރާ ދިމާނުވި ނަމަވެސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން އެނގޭ ކަމަށް މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާ ސުވާލު ކުރެއްވީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯއެވެ. އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

އެސްއޯއެފްގެ ބޭންކް އޮފް ސްޓޭޓްމަންޓްގެ ޗެކްގެ ނަމްބަރާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަމްބަރު ދިމާނުވާ ކަމަށް ދައުލަތުގެ ވަކީލް ވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފް ވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ގޮތުގައި ޗެކަކީ މޮރިޝަސް ކޮމާޝަލް ބޭންކްގެ ޗެކެއް ކަމަށާއި އެޗެކް އެންޓާ ކުރިއިރު ހަތަރަކާއި ފަހެއް އޮޅިފައި އޮތް ކަމަށް ދައުލަތުން ބެލި ބެލުމުން އެނގޭ ކަމަށެވެ. އެހެންނަމަވެސް ލިޔުންތަކަށް ބަލާއިރު ވެސް މިއީ އެއްމިލިއަން ޑޮލަރުގެ ޗެކް ކަން އެނގޭ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރު މިޗެކް ދައުލަތައް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން ދައުލަތައް މިޗެކް ލިބިގެން އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލިކަން ފާހަގަ ކުރައްވާފައެވެ. އެކަން ފާހަގަ ކުރެއްވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޒިޔަތުގެ މައްސަލަ ދިރާސާ ކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުން ނޫން ކަމަށާއި އެހެންވެ ޒިޔަތުގެ މައްސަލައިގައި ޗެކް ލިބިފައި އޮތްކަން ޔާމީންގެ މައްސަލަ ދިރާސާ ކުރި ވަކީލުންނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެކައުންޓް ސްޓޭޓްމަންޓްގެ އެހެން ކަންކަމަށް ބަލާއިރު އެއީ އެމްސީބީގެ ޗެކެއް ކަން އެނގޭތޯ ވެސް ފަނޑިޔާރު މަހާޒް ދައުލަތާ ސުވާލު ކުރެއްވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ކޮންމެ ވަކީލަކީ ވަކި ދައުލަތެއް ނޫން ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޮންމެ މައްސަލައެއްގެ ކޮންމެ ލިޔުމެއް ލިބުނު ނަމަވެސް އެ ލިޔުމެއް ހިއްސާ ކުރެވެން ޖެހޭނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގައި މިމަސް ތެރޭގައި ހުކުމް ކުރެވޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ފަނޑިޔާރު މަހާޒް މިއަދު ވެސް ވިދާޅުވިއެވެ.