ވެރިކަމުގެ ދަހިވެތިކަމަކީ އޭގެ މަސްތުގައި މީހާ ޣަރަގު ކޮށްލާ ނުބައި ވިހައެކެވެ. ވެރިކަން ހޯދުމަށް އުޑުން ތަރިބާލާ އުޅުނު ހަނދާންތައް ވެރިކަން ލިބުނީމައި ހުންނަނީ ލައްކައަކުން އެކެންގައެވެ.

ދައުލަތުގެ ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ ބަދަލުގައި ދުނިޔެ ދައްކާފައި ވަނީ ވެރިކަމުގެ ޖާހާއި އިއްޒަތް ނެގެހެއްޓުމަށް މަސައްކަތް ކުރަމުން އައި ހަގީގަތެވެ.

ރާއްޖެ އެކަމުން އިސްތިސްނާއެއް ނުވެއެވެ. މިއަދު ހިނގަމުންދާ ސަރުކާރަށް 3 އަހަރުވެ، ޖަޒީރާ ތަރައްގީގެ ހޭޝްޓެގް ޓްރެންޑް ވަމުން ދާ ބާރުމިނަށް ވުރެ ބާރަށް، މުޑުދާރު ވެރިަކމުގެ ހޭޝްޓެގް ދަނީ ޓްރެންޑް ވަމުންނެވެ.

އިންސާނީ ތަބީއަތަކީ އަދި އިންސާނުން އެންމެ ޝައުގުވެރި ކުރުވާ ވާހަކަތަކަކީވެސް ގޮސިޕާއި އާޑަ ފުރައްސާރައިގެ ވާހަކަތަކެވެ. ހަގީގަތެއްގެ މައްޗަށް ދައްކާ ވާހަކައެއް ފެތުރޭ ބާރުމިނަށް ވުރެ ހާސް ގުނަ ބާރަށް، އެބާވަތުގެ ވާހަކަ ފެތުރެއެވެ. ދިރާސާތަކުގައި ވެސް އެވާހަކަ ލިޔެފައި އެބަހުއްޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުނު އިރު، ދިވެހިންނަށް ކުރަން ޖެހުނު ގިނަ ތަޖުރިބާތައް އެބަހުއްޓެވެ. ހެޔޮ ތަޖުރިބާއާއި ނުބައި ތަޖުރިބާއެވެ. ކޮވިޑާއެކު އުޅެން ދުނިޔެއަށް މަޖުބޫރު ކުރި މި ހާލަތުގައި ދުނިޔޭގެ އެތައް އިގުތިސޯދެއް ހުއްޓިގެން ދިޔަ އިރު، ދިވެހިންގެ ނަސީބު ގަދަކަމާ އެކު ނަމަވެސް ވެކްސިން ލިބި، އާންމު ހާލަތަށް އެންމެ ފުރަތަމަ ރުޖޫއަ ވެވުނު އެއް ގައުމަކީ ރާއްޖެއެވެ. ބޯޑަރުތައް ބަންދުކޮށްފައި އޮތަސް ޒަރޫޒީ ބޭހާއި ކާބޯތަކެތި ރާއްޖެއަށް ލިބުނެވެ. ވިޔަފާރިތައް ހުއްޓި އާންމުންގެ އަތްމަތި ހުސްވެގެން ދިޔަ ވަގުތު ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށް ދިނެވެ. އުމްރާނީ ތަރައްގީގެ އެތައް މަސައްކަތެއް ބުރަކި ޖެހި ހުއްޓުނު ނަމަވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔައެވެ. ތިމާވެށި ހިމާޔަތް ކުރުމާއި އާބާތުރަ ފިލުވުމުން ފެށިގެން، ކަރަންޓާއި ފެނާއި ސިއްހީ އެހީތެރިކަމަށް ހުއްޓުމެއް އަޔަ ނުދީ ކުރިއަށް ގެންދިޔައެވެ.

މިއަދު 3 އަހަރުގެ ކަމިޔާބީ ފާހަގަ ކުރާ އިރު ކުރީންސުރެ ވާރުތަވެފައި ހުރި ހިތި ތަޖުރިބާތައްވެސް އެބަހުއްޓެވެ. އޭގެ ތެރެއިން ދިވެހިން އެންމެ ކަންބޮޑުވެ ވާހަކަ ދައްކާ 2 ކަމަކީ، މާ ބޮޑަށް އިންޑިއާއަށް ލެނބުމާއި ދީނީ މިނިވަން ކަމަށް ވަކާލާތު ކުރާ މީހުންގެ ބާރު ރައީސް ސޯލިހުގެ ސަރުކާރުގައި މާ ގަދަވުމެވެ.

އިދިކޮޅުން ރައީސް ސޯލިހުގެ ސަރުކާރު މިނަނީ އަދި މިއަށްވުރެން ވެސް ގޯސް ކޮށެވެ. މުޑުދާރު ވެރިކަމެއްގެ ގޮތަށެވެ. ސްލޯ ވެފައި ބޭކާރު ހަރަދު ކުރާ، ގައުމު މޯގޭޖް ކޮށް އަދި އިންތިހާއަށް މަތިބަރު ސަރުކާރެއްގެ ގޮތަށެވެ. މުޅިންވެސް ރައީސް އަބްދުﷲ ޔާމީނު ފެއްޓެވި ކަންކަން ނިންމާ ސަރުކާރެއްގެ ގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ދުއް ބަޔަކަށް އެވެރިކަމުގައި ހިންގާފައި ހުރި ކަންކަން އެހުރީ ފެންނާށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ އުސް ހޮސްޕިޓަލާއި ބްރިޖާއި ނުނިންމާ ދޫކޮށްލި ހިޔާ ފްލެޓްތަކެވެ. ވެރިކަމުގައި ހުންނަވާ ބިމެއް ގަނެ އިމާރާތް ކުރަމުންދާ 15 ބުރީގެ ގެކޮޅެވެ.

އެއްބަޔަކަށް ވެރިކަން މުޑުދާރުވެފައި އަނެއް ބަޔަކަށް ވެރިކަން ހެޔޮވާ އިރު، މި ފަހުގެ ކޮންމެ ވެރިކަމަކީވެސް އިންތިހާ ބޮޑު ކޮރަފްޝަނާއި ފަސާދަ ފެނިގެން ގޮސްފައިވާ ވެރިކަމެވެ. ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިިކަމުގައި އެފްޕީއައިޑީގެ ހިޔާނާތެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ހާލަތު މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތަކުގައި އެބަހުއްޓެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތަކީ އެކަމެއްގައި މުޅި ގައުމު ޝާމިލު ކުރުވި ބޮޑު ހިޔާނާތެވެ. ހިނގަމުންދާ ވެރިކަމުގައި ވެންޓިލޭޓަރު މައްސަލައަކީ އެންމެ ބޮޑުވި އެއް މައްސަލައެވެ.

ކުރުކޮށް މިވާހަކަތައް ލިޔުނެއް ކަމަކު، ވަކިވަކި ކޮންމެ މުއައްސަސާއެއްގެ އޮޑިޓު ރިޕޯޓުތައް އެއްކޮށްލީމައި ދައުލަތުން ގެއްލިފައި ވާ ފައިސާގެ އަދަދު ބިލިއަނުން ބިލިއަނުން އަރައިގެން ދެއެވެ.

ވެރިކަން ހެޔޮވެފައި މުޑުދާރު ވާއިރު ގުދޯ ގުދޯ ގޮވަނީ ކާކު ކާކަށްހެއްޔެވެ.