ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ އެއްބަނޑު އެއްބަފާ ދެމީހުން ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލި މައްސަލަ ބަލަމުން ދަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ.

މިމަހު 3 ވަނަ ދުވަހު ޕީޖީ ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު އަލުން ފިލުމުގެ ފުރުސަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެހާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެތީ އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެ ކަމަށް އެވެރިން ގަބޫލުކުރާ ކަމަށެވެ.

އައްމަޓީ ބަންދުން ދޫކޮށްލި އަމުރު ބާތިލްކޮށް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަމަކާމެދު ބޭރުގައި ވާހަކަ ދައްކާ ގޮތް ކިޔާ ނުހެދުމަށް އޮތް އުސޫލުގެ އެއް ބޭނުމަކީ، ކޯޓެއްގެ ކުރިމައްޗަށް ހުށަހަޅާ މައުޟޫއާ ގުޅިގެން ގޮތް ކަނޑައަޅާ ކޯޓަށް ނުވަތަ ފަނޑިޔާރަށް ނުޒޫފު ފޯރައިދާނެ ކަމާއި، އެކަމުގެ ސަބަބުން ތައައްސުބުގެ ގޮތުން ގޮތް ކަނޑައެޅިދާނެ ކަމަށްޓަކައި އެކަން މަނާ ކުރުން ކަމަށެވެ.

ހައިކޯޓުން ބުނެފައި ވަނީ ކޯޓަކަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް އެކަމާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ކަންކަމާ މެދު ޕަބްލިކުގައި ކޮމެންޓު ކުރުމަކީ ކޯޓު ކޮންޓެމްޕްޓްގެ ތެރެއިން ފިޔަވަޅު އަޅަން ޖެހިދާނެ ފަދަ ކަމެއް ކަމަށެވެ.

ހާއްސަކޮށް ދައުލަތުގެ ކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން މި ބާވަތުން ކުރާ ކޮމެންޓުގެ އަސަރު ފުޅާވެ، އާންމު ރައްޔިތުންގެ މެދުގައި އެކަން ގަބޫލުކުރުން ބޮޑުވެގެން ދާނެ ކަމަށްޓަކައި ކޯޓަށް ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ގޮތް ކަނޑައެޅުމަށް ހުށަހެޅިފައިވާ ކަމަކާ މެދު އެ މޭރުމުން ކޮމެންޓު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ހައިކޯޓުން ބުނެފައި ވެއެވެ.