ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މި މަޝްރޫއުގެ ދަށުން ވެލިދޫގެ 5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މި މަޝްރޫއަށް 88 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

މިނިސްޓްރީން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.