ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕް ރީފަންޑް ކޮށްދޭނެ ފަހު ތާރީހަކީ މިއަދު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މިގޮތަށް ނިންމާފައި ވަނީ ޖުލައިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމާ ގުޅިގެންނެވެ. އަދި މީރާއިން ރީފަންޑް ދިނުމަށް ނިންމާފައި ވަނީ އެ އޮތޯރިޓީން ވިއްކާފައި ހުރި ސްޓޭމްޕް ތަކުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕް ތަކަށެވެ.

ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕް ރީފަންޑް ކޮށްދޭން މީރާއިން ހުޅުވާލީ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.

ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރުމަށް ބޭނުންވާ ފަރާތްތަކުން "ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށް ފަހު ހުށަހަޅަން ޖެހެނީ ފޯމުގައިވާ ލިޔެކިޔުންތަކާއެކު މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރަށް ނުވަތަ އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ އެ އޮތޯރިޓީގެ އޮފީހަކަށެވެ.

50 އަހަރަށް ފަހު ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައި ވާއިރު އެކަމަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރެވެނިއު ސްޓޭމްޕް ޖަހަން ފަށާފައި ވަނީ 1970 ވަނަ އަހަރު ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލާފައި ވަނީ އެކަމުން ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށް ބުނެއެވެ.