ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ ގައި ކުރިއަށްގެންދިޔަ "އެމްޑަބްލިއުއެސްސީ ކޯސްޓަލް ރޮވިން ބީޗް ސްޕްރިންޓް 2021" މުބަރާތް ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހު މަހުގެ 11 އިން 14 އަށް ކަމަށެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ބިލަތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާ އާއި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ހަބީބް އާއި ސުކޫލްތަކުގެ އިސް ފަރާތްތަކުންނާއި ދަރިވަރުން ބައިވެރިވި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، "އެމްޑަބްލިއުއެސްސީ ކޯސްޓަލް ރޮވިން ބީޗް ސްޕްރިންޓް 2021" އަކީ އެކުންފުނިން ސްޕޮންސާ ކޮށްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ޖުމްލަ 5 ސްކޫލަކުން 150 ދަރިވަރުންނާއި 80 މުދައްރިސުން އަދި 4 ކްލަބްއިން 20 އެތުލީޓުން ވާދަކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއަދު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މި މުބާރާތުގައި ބައިވެރިންގެ ތެރެއިން، ރަން ވަނަތައް ހޯދި ފަރާތްތަކަށް ހަނދާނީ ލިޔުމާއި މެޑަލް ދީފައިވާއިރު މި މުބާރާތުގެ ވަނަތައް ހާސިލް ކުރި ފަރާތްތަކަށް ސެޓްފިކެޓް އާއި މެޑަލް ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހުއެވެ.

ރޯވިން މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރޯވިން ނުވަތަ ފަލި ޖެހުމުގެ އާދަ ކުޑަ ކުދިންނަށާއި ޒުވާނުންނަށް ދަސްކޮށްދިނުމާއި އެކަން މި މުބާރާތުގެ ސަބަބުން ވާދަވެރި ހުނަރުވެރި ޒުވާނުންނާއި ކުދީން އުފެއްދުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދިއުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން ފަލި ޖެހުމުގެ ހުނަރު ދިރުވައި ގައުމީ ރެކޯޑް ރޭންކް ކޮށް ގައުމީ ޓީމް އެކުލަވާލުމަށް މަގުފަހިކޮށްދިނުމާއި 2022 ވަނަ އަހަރު ބޭއްވިގެންދާ އޭޝިއަން ކޯސްޓަލް ޗެމްޕިއަން ޝިޕްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިއުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.