މަސްތުވާތަކެތީގެ ބޮޑުންނާއި އެނޫންވެސް މީހުން ދޫވަނީ ނުފޫޒެއް އޮވެގެން ނޫން ކަމަށާއި ގޮތް ނިންމްނީ ހުށަހަޅާ ހެކީގެ މައްޗަށް ކަމަށް ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވިއެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ވެސް އަދި އެހެން މައްސަލައެއްގައި ވެސް އެއްވެސް މީހަކު ބަންދުގައި ބަހައްޓާކަށް ވެސް ދޫކޮށްލާކަށް ވެސް ޕީޖީއަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޕީޖީން ގޮތެއް ނިންމަނީ އެ އޮފީހަށް ހުށަހަޅާ ލިޔުންތަކާއި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިގޮތަށް އަމަލު ކުރުމުގައި ކުށްކުރާ މީހެއް ކަން އެނގުނު ނަމަވެސް އެ މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިންއާ އެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން, ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. އެ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިސްތިއުނާފު ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީއިން ބުނީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ އާއި ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.