ކަސްޓަމްސްއިން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 31 ޕަސެންޓް ދަށަށް ގޮސްފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31 ޕަސެންޓް ވަނީ ދަަށަށް ގޮސްފައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 424 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވާއިރު، މިއަހަރުގެ އޮކްޓޯބަރު މަހު ދައުލަތަށް ލިބިފައި ވަނީ 294 މިލިއަން ރުފިޔާއެވެ.

މި ދެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލާއި ބޭރުކުރި މުދަލަށް ބަލާއިރު 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 309 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައި ވާއިރު މިއަހަރު މި އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރާ އަޅާބަލާ މިއަހަަރު އޮކޯބަރު މަހު ވަނީ އެތެރެކުރި މުދަލުގެ އަގު މައްޗަށް ގޮސްފައެވެ.

މިދިޔަ އަހަރު 2.0 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު މިއަހަރު ވަނީ 3.8 ބިލިއަންގެ މުދާ އެތެރެކޮށްފައެވެ. މިއީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 90 ޕަސެންޓް އިތުރު އަދަދެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތެރެ ކުރާ މުދަލަށް އައި ހީނަރުކަމަށް ފަހު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 3.7 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ފާއިތުވި އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ އަދި ޗައިނާއެވެ. އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު ޔޫއޭއީއިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހު އެންމެ ގިނަ މުދާ ރާއްޖެއިން ބޭރުކުރި 5 ގައުމަކީ ތައިލޭންޑް، ޖަރުމަން، ފްރާންސް، ޔޫކޭ، ނެދަލޭންޑްއެވެ.