ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކޮމަންވެލްތްގެ ކްލައިމެޓް ފައިނޭންސް ހަބްގެ މެންބަރަކަށް ރާއްޖެ ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ ނަސީމް ވިދާޅުވެއްޖެއެވެ.
ހަދީޖާ ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް ހަބްގެ މެންބަރަކަށް ރާއްޖެ ވެގެންދާނެ ކަމަށާއި އެކަމަށްޓަކައި އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމަކީ ރާއްޖެ ކަމަށް ފާހަގަކުރައްވާ ހަދީޖާ ވިދާޅުވީ ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް ހަބްގެ މެންބަރަކަށް ރާއްޖެ ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހަދީޖާ އިތުރަށް ވިދާޅުވީ ރާއްޖެ އޮތީ ކްލައިމެޓް އެމަޖެންސީއެއްގައި ކަމަށާއި އެކަމަށް ބޭނުންވާ އެހީ ލިބެން ހުރުމަކީ ކުއްލި ހާލަތެއްގައިވެސް އެކަމަށް ފަރުވާ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ކޮމަންވެލްތްގެ އެހީގެ ދަށުން ޓެކްނިކަލް މައުލޫމާތާއި މޫސުމީ ކަންކަމާ ބެހޭ މުހިއްމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހަދީޖާ ވަނީ ވިދާޅުވެފައެވެ.
ކޮޕް26 ގެ ހަވާސާގައި ކުރިއަށް ދިޔަ ކޮމަންވެލްތް ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައި ރައީސް ވަނީ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް ދިރިއުޅެވޭނެ ރައްކާތެރި ތަނެއް ހައްގު ކަމަށް ވިދާޅުވެފައެވެ.