މިދިޔަ އަހަރުން ފެށިގެން އެކިފަހަރު މަތިން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އައްޑޫން ހައްޔަރުކުރި އަހްމަދު ނަޒްމީންގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފުވައްމުލައް، މާދަޑު، އޮމާން، އުމުރުން 34 އަހަރުގެ ނަޒްމީނަކީ އައްޑޫ ހިތަދޫ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންދާ ފުލުހެކެވެ.

ޕީޖީން ބުނީ، ނަޒްމީނަށް ދައުވާކުރަން މިދިޔަ ހޯމަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ބިރުދައްކައިގެން، އޭނާގެ އޮރިޔާން ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ކަމަށެވެ.

އެ މައްސަލައާ ގުލިގެން ނަޒްމީން ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ގައެވެ. ނަޒްމީން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާއެކު، އޭނާ ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލައި އައްޑޫގައި އާންމުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ އިހުތިޖާޖު ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރިއިރު، އިހުތިޖާޖުގައި ބައިވެރިވި މީހުންގެ ގައިގައި މުގުރުން ތަޅާފައިވެސް ވެއެވެ.

ނަމަވެސް، މިކަމާ ގުޅިގެން ފުލުހުން އޭރު ބުނީ، އައްޑޫގައި ކުރި އިހުތިޖާޖުގައި ބާރުގެ ބޭނުންކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ކަމަށެވެ.