ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވުމަށް މިހާތަނަށް 2.3 މިލިއަން ރުފިޔާ ހަރަދު ވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން "ދަ ޕްރެސް" އާ ހިއްސާކޮށްފައިވާ މައުލޫމާތު ތަކުގައި ވާ ގޮތުން އެންމެ ބޮޑަށް ހަރަދުވެފައި ވަނީ ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ކުރެއްވި ބޭސް ފަރުވާއަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ މާލެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ބޭސްފަރުވާ ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ ޖޫން މަހު ހަރަދު ކުރި 610،601 ރުފިޔާ އާއި އޯގަސްޓު މަހު ހަރަދު ކުރި 319،767 ރުފިޔާ އާއި ސެޕްޓެމްބަރު މަހު ހަރަދު ކުރި 570،172 ރުފިޔާއެވެ. އޭގެ އިތުރުން ޖަރުމަން ވިލާތުގައި ބޭސްފަރުވާ ކުރެއްވުމަށް 164،601 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ބޭސްފަރުވާ ކުރެއްވުމަށް ފަހު އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް26 އަށް ފުރާވަޑައިގަތުމާ ހަމައަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާގެ މަގުން 21 ދުވަހަށް 698،168 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަަށް ބޮޑެތި ޒަހަމްތަކެއް ލިިބުނެވެ. އަދި އެ ހަމަލާ އަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގަތީ ފަސް މަސް ފަހުން މިދިޔަ މަހު 11 ގައެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ނަޝީދު ރާއްޖެ އެނބުރި ވަޑައިގެންނެވި އިރު، އޭގެ ފަހުން އެމަނިކުފާނު ޖެންގައި ހުންނަވަނީ އެމަނިކުފާނު ހުންނެވުމަށް ދައުލަތުން ކަނޑައެޅި ވަގުތީ ގެކޮޅުގެ މަސައްކަތް ނުނިމޭތީ ސެކިޔުރިޓީ ސަބަބުތަކަށެވެ.