ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ނުދިން މައްސަލައާ ގުޅިގެން އެ ހޮސްޕިޓަލުގެ މެނޭޖްމެންޓުގެ އިސް ތިން ފަރާތަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އެ މައްސަލާގައި ޕީޖީން ދައުވާކުރި ފަރާތްތައް:

  • ބ. އޭދަފުށި، ފެންއާރު އާދިލް މޫސާ
  • ތ. ގުރައިދޫ، ކޮވެލިގެ އާމިނަތު ސުހާ
  • ސ. ހުޅުދޫ، ޑޭޒީވިލާ ނަޒީރާ ނަޖީބު

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މީޑިއާތަކަށް ވިދާޅުވީ، މި ތިން ފަރާތްތަކުގެ މައްޗަށް އެ އޮފީހުން ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރުގައި ޓްރީޓޮޕްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ، 17 އަހަރުގެ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަން އެނގިހުރެ، އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.

އެ ހޮސްޕިޓަލުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ނަރުސް މީހާ އަނބުރާ ގައުމަށް ފޮނުވާލުމަށް ފަހުގައި ކަމަށް ވާތީ، ފުލުހުންނަށް އޭނާ ހާޒިރު ކުރެވެން ނެތުމުން، އެ މައްސަލަ ވަނީ އޭރު ފައިލް ކޮށްފައެވެ.

އެހެންވެ އެ ނަރުސް ފުރުވާލި މައްސަލަ ތަހުގީގު ކުރަން ޕީޖީން ވަނީ ފުލުހުންނަށް އަމުރެއް ނެރެފައެވެ. އެއާއެކު ފުލުހުން ވަނީ އެ މައްސަލާގައި ޓްރީޓޮޕްގެ ވެރިންނަށް ޖިނާއީ ތުހުމަތުކޮށް ތަހުގީގު ހިންގާފައެވެ. އެއަށްފަހު ޕީޖީއަށް މައްސަލަ ފޮނުވުމުން، ޕީޖީން އެ ތިން މީހުންނަށް ދައުވާކޮށް މިހާރު އެ މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މީގެ ކުރިންވެސް ޓްރީޓޮޕްގައި ޖިންސީ ގޯނާގެ އިތުރު މައްސަލަތަކެއްވެސް ފެންމަތިވިއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު އަންހެން މުވައްޒަފަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު މައްސަލައެއް ފެންމަތިވިއިރު، އެ މައްސަލާގައި ޓްރީޓޮޕުން އަމަލުކުރި ގޮތުން ގިނަބައެއްގެ ފާޑުކިއުން އެ ހޮސްޕިޓަލުގެ އިސްވެރިންނަށް އަމާޒުވިއެވެ.