ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފަރުވާ ހޯދައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެއްޖެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އައިވީއެފްގެ ފުރަތަމަ ކުއްޖާ ވިހެއީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި ދެވަނަ ކުއްޖާ ވިހެއީ އަންގާރަ ދުވަހު ކަމަށެވެ.

އާދިލް މޫސާ ވިދާޅުވިގޮތުގައި ފުރަތަމަ އުފަންވި ކުއްޖާގެ މަންމައަކީ އައިވީއެފް ފަރުވާ ހަތަރު ފަހަރު ބޭރުން ހަދައި ނާކާމިޔާބުވި ޕޭޝަންޓެކެވެ. ނަމަވެސް 36 އަހަރުގެ އެ އަންހެން މީހާގެ އައިވީއެފް ފަރުވާ ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ކާމިޔާބުކޮށްފައެވެ. އޭނާ އިތުރަށް ވިދާޅުވީ އައިވީއެފް ފަރުވާ ދޭން ފެށިތާ ފުރަތަމަކޮޅު ދަތިތައް ދިމާވި ކަމަށާއި، ނަމަވެސް ފަރުވާ ކާމިޔާބުވާތީ އެއަށް އޮތް އިތުބާރު ބޮޑުވަމުން އަންނަ ކަމަށެވެ.

ރުވާ ދިނުމަށް ގައިޑްލައިންއާއި ޕޮލިސީތައް ނެތުމުން ފުރަތަމަ އުނދަގޫތައް ދިމާވި. ނަމަވެސް ހުއްދަތައް ލިބި ފަރުވާ ދޭން ފަށައި، ކާމިޔާބުވާތީ މިއަށް އޮތް އިތުބާރު އަންނަނީ ބޮޑުވަމުން،
އާދިލް މޫސާ

ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ ޓްރީޓޮޕްގައި އައިވީއެފް ހަދަނީ މާބަނޑުވުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް ބައެއް މީހުންނަށް މީގެ ކުރިން ގަބޫލުކުރެވުނު ނަމަވެސް އެންމެ ފުރަތަމަ ސިޒޭރިއަން ހެދި 36 އަހަރުގެ އެ އަންހެން މީހާއަކީ ވެސް ސިއްހީ އިތުރު މައްސަލަތައް ހުރި މީހެއްކަމަށެވެ. އެހެންކަމުން މެޑިކަލް ޓީމުތަކުން އެ މީހާގެ ހާލަތު ވަރަށް ކައިރިން މޮނީޓާކުރި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޒާކިޔާ އިތުރަށް ވިދާޅުވީ ފަރުވާ ހޯދަމުންދާ ފިރިހެން އަދި އަންހެން ބޭފުޅުންގެ ފަރާތުން ވެސް ފެންނަނީ ދާދި އެއް މައްސަލަތަކެއްކަމަށާއި ބައެއް ޕޭޝަންޓުން ފަރުވާ ކާމިޔާބުވަންދެން މަޑުކުރި ކަމަށެވެ.

އައިވީއެފް ފަރުވާ އަކީ މީގެ ކުރިން ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނޫނެވެ. މި ފަރުވާ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމުކުރީ މިދިޔަ އަހަރުގެ މެއި މަހު ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހަދާފައިވާއިރު އޭގެ ތެރެއިން އެމްބްރިޔޯ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ވަނީ މާބަނޑުވެފައެވެ.

މި ފަރުވާ ޓްރީޓޮޕް ހޮސްޕިޓަލުން ދެމުން އައީ 46،000ރ. އަށެވެ. ނަމަވެސް ދަރިމައިވުމުގެ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާ ދެއްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ފޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދަރިމައިވުމުގެ ފަރުވާގެ ހިދުމަތްތައް އާސަންދައިގެ ތެރެއިން ލިބިގެންދާއިރު، އެ ހިދުމަތްތަކުގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރޯސިސް ގެ ފަރުވާ ވެސް ހިމެނޭ ކަމަށެވެ.

އައިވީއެފްގެ ފަރުވާ އަމިއްލަ ހަރަދުގައި ކުރަން ދަތިވާ މީހުން އާސަންދައިގެ ދަށުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތުވެސް މިހާރު ވަނީ އަންނަ ޖުލައި މަހުގެ 31 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.