އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ މެންދަމު 2:30 ހާއިރު ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ޑިޓެންޝަން ސެންޓަރުގެ ކުރިމަތީގައި އޮތް ވޭނެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފަށެވެ.

މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވަރަށް ބޮޑަށް ހަލާކުވެ، ސައިކަލުން ޖެހުނު ވޭނަށް ވެސް އެކިވަރުގެ ގެއްލުންވެފައި ވެއެވެ.

ބައެއް މަސްދަރު ތަކުގައިވާ ގޮތުން، ލަޔާނަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދިޔައީ ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ލަޔާން ނިޔާވީ މިއަދު ކަމަށް، އެ މަސްދަރުތަކުން ބުނެފައިވެއެވެ.