ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިންގި އެކްސިޑެންޓްގައި ދިވެހި އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގައިގެން އެކަމުގެ މައުލުމާތު ލިބިފައި ވަނީ މިއަދު ހަވީރު 4:40 ހާއިރު ކަމަށެވެ.

ހުޅުމާލެ ރީތިގަސް މަގުގައި ހުންނަ ކަރެކްޝަނަލް ސާވިސަސް ކައިރިން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ އަންހެން މިހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓަގައި އެކަކަށް އަނިޔާވެފައިވާ އިރު، ދެ އުޅަނދަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ގައި ހިމެނޭ ދެ އުޅަނދުގެ ތެރެއިން، ކާރު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ސައިކަލު ދުއްވީ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.