ސަރުކާރަށް ދިގު މުއްދަތަކަށް ހިދުމަތްކުރި ފަރާތްތަކުގެ ތެރެއިން 117 ފަރާތަކަށް، މިއަހަރުން ފެށިގެން ދޭން ފަށާ "ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުން ފެށިގެން ދޭން ފަށާ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމަށް ސަރުކާރުން ދިނުމަށް ނިންމާފައިވަނީ، 35 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކޮށްދިން ފަރާތްތަކުގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުލާސްތެރިކަމާއެކު ކުރި ހިދުމަތްތަކާއި، އެ ފަރާތްތަކުން ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން، އެ އިނާމު ލިބޭ ފަރާތްތަކަށް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާނެއެވެ.

ނަމަވެސް، މިފަހަރު މި އިނާމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު މި އިނާމަށް ކުރިމަތިލާފައި އޮތުމުގެ ސަބަބުން ހުރިހާ ފަރާތްތަކަށް މިރޭ އިނާމު ނުދެވޭނެތީވެ، މިރޭ އެ އިނާމު ނުލިބޭ ފަރާތްތަކަށް އެއްބައިވަންތަކަމުގެ ދުވަހު އިނާމު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.