މާދަމާ ބާއްވާ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މާދަމާ ހެނދުނު 8.30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.

މި އިނާމަށް ބޭފުޅުން ހޮއްވާފައި ވަނީ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އަހަރުގެ މިނިވަން ދުވަހުގައި ވެސް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ވަނީ ދީފައެވެ. އެ ޖަލްސާގައި އިނާމު ދީފައި ވަނީ 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 94 ބޭފުޅަކަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައިސް އޮފީހުން ބުނެއެވެ. އެ ގޮތުން މި އިނާމު 33 ބޭފުޅަކަށް ދޭން ހަމަޖެހިފައިވާ ކަމަށާއި އިނާމަށް ބޭފުޅުން ހޮއްވާފައި ވަނީ ހާއްސަ އިނާމާބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.