މާލެ ސަރަހައްދުން ވަރަށް އަވަހަށް 15،000 ގޯތި ދިނުމަށް އިއުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއް ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވެސް ތިން ސަރަހައްދެއްގައި ކުރިއަށްދާ ކަމަށާއި އަންނަ މަހު އިތުރު ޑްރެޖަރުތަކަކާއެކު މަޝްރޫއުގެ ސްޕީޑް ތިން ގުނަ ހަލުވި ވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް 5 މަސް ތެރޭ ރަސްމާލޭން ހިއްކާ ނިމޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 15،000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށާއި އެކަމުގެ ތަފްސީލް ފަހުން އާންމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުވީ ވައުދާ އެއްގޮތަށް އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށް، އެންމެ ބޭނުން ޖެހިފައި ތިބި ފަރާތްތަކަށް ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ނިޒާމުގެ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި، އަޅުގަނޑު ވީ ހުރިހާ ވައުދެއް ފުދިގެންދާ ގޮތަށް ހުޅުވާލަން ނިންމާފައި މިވަނީ."
ރައީސް

މި ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް ކަމަށް ވެއެވެ. އަދި މާލޭގެ ދަފްތަރުގައި ތިބި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ އެކި ފަރާތްތަކަށް ގޯތި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި 3،000 ފްލެޓު އެޅުމުގެ މަސައްކަތް ފެށުމަށް ދާދި އަވަހަށް ސޮއިކުރާނެ ކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަމާއެކުގައި ލައިން އޮފް ކްރެޑިޓްގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ

"ކުރު ގޮތަކަށް ދަންނަވަންޏާ މާލެ ސަރަހައްދުގައިި ވެސް އަމަލީ ގޮތުން، ރިއަލިސްޓިކަލީ އަމަލީ މަސައްކަތް ފެށޭނެ ގާތްގަނޑަކަށް 7،000އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އެ ވަނީ ތަރުތީބު ކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

އަދި ރަސްމާލޭގެ 1،100 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ތިން ސަރަހައްދެއްގައި ކުރިއަށްދާ ކަމަށާއި އަންނަ މަހު އިތުރު ޑްރެޖަރުތަކަކާއެކު މަޝްރޫއުގެ ސްޕީޑް ތިން ގުނަ ހަލުވި ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކި މުއައްސަސާތަކާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ވަކި އަދަދުތަކުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގިރާވަރުފަޅުގެ ވެސް މަސައްކަތް ދަނީ ކުރަމުންނެވެ. ހަމަ އެހެންމެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މި އަހަރު ނިމުމުގެ ކުރިން އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.