ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަނީ ދިވެހިރާއްޖެ ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާކުރައްވަމުން ކަމަށެވެ.
"ދިވެހީންގެ ރާއްޖެ" ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ވަޑައިގަންނަވާނީ އިހްލާސްތެރިކަމާއެކުގައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއް މި ގައުމަށް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެގޮތުން މިއަދު ފާހަގަކުރަމުންދަނީ ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނުތާ 57 އަހަރު ފުރުމެވެ.
