ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ މީދޫއަށް އުފަން މޫސާ އަންވަރު (ތުއްތީދީ)އަށް އަރުވައިފިއެވެ.

މޫސާ އަންވަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވާފައެވެ.

މޫސާ އަންވަރަށް ޝަރަފު އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ސިއްހީ ދާއިރާގެ ކުރިއެރުވުމަށާއި ސިއްހީ ރޮނގުން މީހުން ބިނާ ކުރުމަށާއި ސިއްހީ ދާއިރާގެ އިސްމަގާމުތަކެއްގައި ހުންނަވައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި ސިއްހީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މޫސާ އަންވަރަކީ އައްޑޫ އަތޮޅު ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ގަމުގައި ހުރި ރޯޔަލް އެއާފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ހިދުމަތް ފެއްޓެވި ބޭފުޅެކެވެ. އެ ފުރުސަތު ލިބިވަޑައިގެންނެވީ އިނގިރޭސި ބަސް އެނގިވަޑައިގަންނަވާތީއެވެ. އޭރު މޫސާ އަންވަރުގެ އުމުރުން 16 އަހަރެވެ.

މޫސާ އަންވަރު ދައުލަތުގެ ހިދުމަތް ފެއްޓެވީ 1977 ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން ހިސާބުންނެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ އެލައިޑް ހެލްތް ސާވިސަސް ޓްރެއިނިން ސެންޓަރުގެ ޕްރެކްޓިކަލް ނާސް ޓީޗަރެއްގެ ގޮތުގައެވެ.

އެލައިޑް ހެލްތް ސާވިސަސް ޓްރެއިނިން ސެންޓަރުގައި ހިދުމަތްކުރެއްވިއިރު، ގިނަ އަދަދެއްގެ ނަރުހުންނާއި ކޮމިއުނިޓީ ހެލްތް ވޯކަރުންނާއި ކޮމިއުނިޓީ ހެލްތް ވޯކަރުންނާއި ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރެއްވިއެވެ. މީގެއިތުރުން އޭރު ތިބި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވައި، ތަމްރީނު ކޯސްތައް ފުރިހަމަ ކުރާ ކުދިންނާއެކު ތަމްރީނު ދަތުރުތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއަށްފަހު މޫސާ އަންވަރު ހިދުމަތް ކުރެއްވީ ހެލްތް މިނިސްޓްރީގައިއެވެ. އެ މިނިސްޓްރީގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވަމުން ގެންދެވިއިރު ރާއްޖޭގައި އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގައި މޫސާ އަންވަރު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ސެންޓްރަލް ހޮސްޕިޓަލްގެ ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަރުހަލާގެ ހުރިހާ މަސައްކަތެއްގައި ވެސްް މޫސާ އަންވަރު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓްކުރުމުގެ މަސައްކަތުގެ އިތުރުން ހޮސްޕިޓަލުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތުގައި މޫސާ އަންވަރު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މޫސާ އަންވަރު އެންމެފަހުން ހިދުމަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ.