އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވި އިރު ވައުދުވެވަޑައިގެންނެވި ފަދައިން، އެމަޖިލީހުގެ އޮނިގަނޑާއި މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ބައެއް ކަންކަން އެ މަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އދގެ އާއްމު މަޖިލީހުގައި އިއްޔެ އެކަމާ ބެހޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި، ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު މަލްޓިލޭޓަރަލް ޕްލެޓްފޯމްކަމަށާއި މުހިއްމު އެކި ދާއިރާތަކުން އެމަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކަކީ މުޅި އިންސާނިއްޔަތަށް މުހިއްމު ނިންމުންތަކެއް ކަމަށެވެ.

އެހެންކަމުން، އާއްމު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުކުރެވެނީ އިންސާނިއްޔަތާއި އިންސާނުންނައް އެވަގުތަކަށް ދިމާވެފައިވާ އެންމެ މުހިއްމު މައްސަލަތަކާއި މެދު ބަހުސްކުރެވި، އެމައްސަލަތަކަށް އަވަސް ހައްލެއް ގެނެވޭނެ އިންތިޒާމަކުން ކަން ކަށަވަރުކުރަން ޖެހޭކަމަށްޝާހިދު ވިދާޅުވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ އާއްމު މަޖިލީހުގެ އެޑްހޮކް ވަރކިން ގްރޫޕުން ދެ ކަމަކަށް އިސްކަން ދެއްވުމަށް ޝާހިދު އިރުޝާދު ދެއްވި ކަމަށެވެ.

މިގޮތުން އދގެ ޗާޓަރު އެކުލަވާލިއިރު އާއްމު މަޖިލީހާއި ސަލާމާތީ މަޖިލީހުގެ ބާރުތަކަށް އެއްވަރަކަށް މުހިއްމުކަން ދިން ނަމަވެސް، މިހާރު އާއްމު މަޖިލިސް ކުރިއަށް ދާގޮތުން މުހިއްމު ކަންކަމާ މެދު މަޝްވަރާނުކުރެވި، ދިގު ބަހުސްތަކެއް ކުރިއަށް ގޮސް، ފިޔަވަޅުތައް އެޅުން ވަރަށް ބޮޑުތަކުން ދިގުދެމިގެންދާކަން ޝާހިދު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ އާއްމު މަޖިލީހަށް ލިބިފައިވާ މަޝްވަރާކޮށްގެން ހައްލު ނެރުމުގެ ބާރުގެ ބޭނުން ހިފޭނެ ގޮތަކަށް މަސައްކަތްތައް އަތުރާލުމަށް މެންބަރު ގައުމުތަކަށް ގޮވާލެއްވި ކަމަށެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގައި ކުރެވޭ ބައެއް މަސައްކަތްތައް ތަކުރާރުކޮށް ދެވަނަ ފަހަރަށް ނުވަތަ ތިން ވަރަށް ފަހަރަށް ވެސް ކުރެވޭ ތަން އަންނަ ކަމަށާއި ބައެއް ގަރާރުތައް ކޮންމެ އަހަރަކު ހުށަހެޅޭއިރު އެއަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިފައި ނުހުންނަކަން ޝާހިދު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އާއްމު މަޖިލީހުގެ މަސައްކަތް ކުރިއަށްދާގޮތް މިހާރަށްވުރެ ހަރުދަނާކޮށް، ނަތީޖާ ނެރުމަށް މަސައްކަތްކުރުމަށް ޝާހިދު ލަފާދެއްވި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ޝާހިދުގެ ވާހަކަތަކަށް ގިނަ ގައުމުތަކުން ތާއީދުކުރިއިރު، އެމެރިކާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ޝާހިދުގެ އުއްމީދުގެ ރިޔާސަތުގެ ވާހަކަ ފާހަގަކޮށް، އެގައުމުތަކުން އެމަސައްކަތް ބަލައިގަންނަކަން ފާހަގަކޮށްފައިވާ ކަމަށެވެ.