ޕާކިސްތާނުގެ ސަރުކާރުން ޕާކިސްތާނުގެ ތާލިބާނު ޖަމާއަތާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ދެފަރާތުން މިއެއްބަސްވުމަށް އައިސްފައި ވަނީ ދެފަރާތުގެ ދެމެދުގައި ބަދަލުކުރަމުން ދާ ހަމަލާތައް އެއް މަސްދުވަހުގެ ނިޔަލަށް ހުއްޓުމަށް ޝަރުތުކޮށެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ތަރުޖަމާނު ފަވާދް ޗައުދަރީ ވިދާޅުވީ، ޕާކިސްތާނުގެ ތާލިބާނު ޖަމާއަތާއި އެގައުމުގެ ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރީ އަވަށްޓެރި އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދާ ތާލިބާނުންގެ ސަރުކާރު ކަމަށެވެ.

ޗައުދަރީ ވިދާޅުވީ، ތާލިބާނު ޖަމާއާތާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފެށީ މިދިޔަ މަހު ކަމަށާ، ހަމަލާތައް ބަދަލުކުރަން ހުއްޓުވުމަށް ގާއިމު ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް އިތުރު މަޝްވަރާތައް ބާއްވަން ދެ ފަރާތުން ވެސް ތައްޔާރު އޮތް ކަމަށެވެ.

ޕާކިސްތާނުގެ ތާލިބާނު ޖަމާއަތުން ވަނީ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

އެޖަމާއަތުން ނެރުނު ބަޔާނެއްގައި ތަރުޖަމާނު މުހައްމަދު ކުރަސާނީ ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދެފަރާތުން ހަމަލާތައް ބަދަލުކުރުން ހުއްޓުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެފަރާތުގެ ދެމެދު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށާ، ދެފަރާތުން ވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނު ޖަމާއަތަކީ އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނު ޖަމާއަތާ މުޅިން ތަފާތު ޖަމާއަތެކެވެ.