ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ނިއުޒިލޭންޑުގައި މަޖުބޫރު ކުރުމުން އެގައުމުގެ ރައްޔިތުން ނިކުމެ މުޒާހަރާ ކޮށްފިއެވެ.

މިގޮތުން، އެގައުމުގެ ވެރިރަށް ވެލިންގްޓަންގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ކައިރިއަށް އެތަށް ހާސް ބަޔަކު އެއްވެ ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެއްވެ ތިބި ގިނަ މީހުން މާސްކު ނާޅާ ތިބި އިރު އެމީހުން ދިޔައީ ރައްޔިތުންގެ މިނިވަންކަމަށް އަރައި ނުގަތުމަށް ސަރުކާރަށް ގޮވަމުންނެވެ. އަދި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ކުރުން ހުއްޓުވުމަށް، އެއްވި މީހުން ގޮވި އިރު އޭގެ ތެރެއިން އެކަކު ބުނީ އޭނާގެ ހަށިގަނޑަށް ޖަހަން ބޭނުން ނުވާ އެއްޗެއް ގަދަ ކަމުން ޖެހުނަ ނުދޭނެ ކަމަށާ، އެ މިނިވަންކަން ނަގާ ނުލެވޭނެ ކަމަށެވެ.

ނިއުޒިލޭންޑުގައި މުޒާހަރާ ކުރި މީހުން ވަނީ ކޮވިޑާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވެސް ލުއިކުރުމަށް ގޮވާލާފައެވެ.

2020 ވަނަ އަހަރު ކޮވިޑް ބަލި ދުނިޔޭގައި ފެތުރެން ފެށި އިރު ނިއުޒިލޭންޑަކީ އެ ބަލިމަޑުކަން އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރި އެއްގައުމެވެ. އެހެން ނަމަވެސް މިއަހަރު ކޮވިޑްގެ އާ ވޭރިއަންޓުތައް އުފެދުނު އިރު މީގެ ތެރެއިން އެންމެ ވަރުގަދަ ކަމަށް ބުނާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ނިއުޒިލޭންޑުގައި ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައެވެ.

މިކަމުގެ ސަބަބުން ގައުމު ލޮކްޑައުންކޮށް ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށް ނިއުޒިލޭންޑުގެ ސަރުކާރުން މަސައްކަތް ފެށިއެވެ.

އެގައުމުގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ނުކުޅުންތެރިކަން ހުންނަ މީހުންނަށް އެހީވުމުގެ މައްސަކަތް ކުރާ ފަރާތްތަކުން ކޮވިޑްގެ ވެކްސިން ފުރިހަމަ ކުރުމަށް ބޮޑުވަޒީރު ޖަސިންޑާ އާޑެން ވަނީ މިދިޔަ މަހު އަންގަވާފައެވެ.

އަދި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަ ކުރުމުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.