އަންނަ އަހަރު އަންއެމްޕްލޯއިމަންޓް ސްކީމެއް ގާއިމު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މިއަންނަ އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމަންޓް ސްކީމް ގާއިމު ކުރެވޭނެ ކަމަށާއި މި ސްކީމަކީ ވޯލްޑް ބޭންކުގެ އެހީގައި ފަށާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ފަށާ އިރު އެންމެ ފުރަތަމަ ޕައިލޮޓް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސް އޭގެ ނަތީޖާ އަށް ބަލައި، އެ ޕްރޮޖެކްޓު މުޅި ރާއްޖެ އަށް ފުޅާކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ކޮވިޑް-19ގެ ތެރޭ ވަޒީފާއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަ ކުރައްވާފައެވެ.
މުސާރައާއި އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) މިއަދު ކަނޑައަޅާފައި ވާއިރު ކުދި ވިޔަފާރިތަކަށް ކަނޑައެޅީ ގަޑިއިރަކަށް 21.63 ރުފިޔާގެ ރޭޓުން، މަހެއްގެ މައްޗަށް، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 4500 ރުފިޔާ ލިބޭ ގޮތަށެވެ.
ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ރޭޓުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 38.46 ރުފިޔާގެ ރޭޓުން މަހެއްގެ މައްޗަށް 8000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭ ގޮތަށެވެ.
މީގެ އިތުރުން ޕަބްލިކް ސެކްޓާގައި 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖްގެ ސަބަބުން އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ރާއްޖޭގައި އަންއެމްޕްލޯއިމަންޓް ރޭޓަށް ބަލާއިރު ވަޒީފާއަދާ ކުރާ އާބަދީގެ 19 ޕަސެންޓް މީހުން ތިބީ ވަޒީފާއެއް ނެތިއެވެ.
ލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސަވޭ 2019 އިން އަންދާޒާ ކުރިގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި އުޅޭ ޒުވާނުންގެ އަދަދަކީ 138,755 އެވެ. އޭގެ ތެރޭގައި ރިސޯޓް އަދި ސިނާއީ ރަށްރަށާއި ލޭބާ ކުއާޓާ ފަދަ ތަންތަނުގައި އުޅޭ އާބާދީ އެ ސާވޭގައި ނުހިމެނޭ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓީކްސް އިން ވަނީ ބުނެފައެވެ.
އުޅެއުޅެފާމިލެފުނީ ފުރިތަނަށް ގާސިމްބެ ނުރުހުނީދޯ